ފަލަސްތީނުގެ ރައީސް މަހަމޫދު އައްބާސް، ހުޅަނގު އައްސޭރީގެ ރާމައްލާގައި، އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒްއާ ބައްދަލު ކުރައްވައިފިއެވެ.

މިއީ މިދިޔަ ޖޫން މަހު އިޒްރޭލުގެ އާ ސަރުކާރު އެކުލަވާލި ފަހުން، އިޒްރޭލާއި ފަލަސްތީނުގެ އިސް އޮފިޝަލުންނާ ދެމެދު ކުރިއަށް ގެންދެވުނު ފުރަތަމަ ބައްދަލުވުން ކަމަށް މައުލޫމާތު ލިބެއެވެ.

ފަލަސްތީނުގެ އިގުތުސޯދު ހަރުދަނާ ކުރުމަށް، އިޒްރޭލުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ގަންޓްޒް ބުނެފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އިސްރާއީލުގެ ކުރީގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ (މ) އަދި ގުޅިފައިވާ ސަރުކާރުގެ ސިޔާސީ ވާދަވެރިޔާ ބެނީ ގަންޓްޒް/ފޮޓޯ: ނެސެޓް

މީގެ އިތުރުން ހުޅަނގު އައްސޭރިއާއި ގައްޒާގެ އިގުތިސޯދާއި ސަލާމަތީ ކަންކަން ބައްޓަން ކުރުމާ ބެހޭ ގޮތުންވެސް ގަންޓްޒްއާއި އައްބާސް މަޝްވަރާ ކުރައްވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ބައްދަލުވުމުން ކުރިފެޅި އިތުރު ކަންކަމުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމަށްވެސް 2 އޮފިޝަލުން އެއްބަސްވެވަޑައިގެންނެވި ކަމަށް ހަބަރު ލިބެއެވެ.

އައްބާސްގެ ފަތަހަ ސެންޓްރަލް ކޮމިޓީގެ މެންބަރެއް ކަމަށް ވާ ހުސައިން އަލް ޝައިހް ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލުގެ "ގުޅުމާ" ބެހޭ ހުރިހާ ދާއިރާއަކުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ.

އިޒްރާލާއި ފަލަސްތީނާ ދެމެދު ދިގުލާ ދިޔަ ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް އައީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ގިނަ އަދަދެއްގެ އަރަބި ގައުމުތަކާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފައެވެ. އިޒްރޭލާއެކު ގުޅުން ގާއިމު ކުރުމަކީ، ފުރަގަހުން އައިސް ފަލަސްތީނަށް ހަމަލާ ދިނުން ކަމަށް، ފަލަސްތީނުން ވަނީ ސިފަކޮށްފައެވެ.