ރާއްޖެއިން މިއަދު ކޮވިޑަށް 113 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 42 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 60 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 11 މީހެއް ކަމަށެވެ.

މި އަދަދަކީ ޓެސްޓު ކުރި 5189 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވާ އަދަދު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮސިޓިވްވި 113 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 80791 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއި ބަލިން ރަނގަޅުވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1658 ގައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 226 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 11 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 540 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 177 މީހަކު މަރުވެފައެވެ.

މި ވަގުތު ރާއްޖޭގެ ހާލަތަށް ބަލާއިރު ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ 25 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ. އެ ގޮތުން މިއަދު މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ ތެރޭގައި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫގެ އިތުރުން އދ. މަހިބަދޫއާއި، ވ. ތިނަދޫއާއި، ށ. ކަނޑިތީމާއި، މ، ވޭވަށް އަދި ހދ. ނޮޅިވަރަމެވެ.