މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދޭ ހުރިހާ ހިދުމަތަކާ ގުޅޭ ގޮތަށް ކަސްޓަމާ ކެއާ މުވައްޒަފަކާ ވާހަކަ ދައްކާ ލެވޭ ހޮޓްލައިން ނަންބަރެއް މިއަދު ތައާރަފް ކޮށްފިއެވެ.

1650 ހޮޓލައިން ނަންބަރު މިއަދު ތައާރަފްކޮށް ދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. މިއަދު ހޮޓެލް ޖެންގައި މިކަމަށް ހާއްސަކޮށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކޮށްދޭ އެމްޓީސީސީގެ ހިދުމަތް ހޯދުމަށް މީގެ ކުރިން ވަކި ހާއްސަ ނަންބަރެއް ނެތުމުގެ ސަބަބުން އެތައް ކަސްޓަމަރުންނަކަށް ދީމާވާ ދަތިތަކުން އަރައިގަތުމަށް މިއީ އެޅުނު ފިޔަވަޅެއް ކަމަށެވެ. އެގޮތުން މި ހޮޓްލައިން ނަންބަރަކީ އެ ކުންފުންޏާ ގުޅޭ ގޮތުން ކަންކަން ސާފުކޮށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެ އެހީތެރިކަން ހޯދުމަށް ގުޅޭނެ ނަންބަރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ތަފާސް ހިސާބުތަކަށް ބަލާއިރު މަހެއްގެ މައްޗަށް އެމްޓީސީސީއަށް 2055 ކޯލު އެކިއެކި ކަންކަމުގައި އައިސްފައިވޭ. އެއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 114 ކޯލު. މީގެތެރެއިން އެންމެ ގިނައިން އާންމުން ގުޅާފައިވަނީ ކަށަވަރު ޝޯރޫމްގެ ވިޔަފާރިއާ ބެހޭ ކަންކަން އޮޅުންފިލުވުމަށް. މިގޮތުން ވިޔަފާރީގެ ދާއިރާއިން އެކަނި މަހެއްގެ މައްޗަށް 1233 ކޯލު އައިސްފައިވޭ."
އާދަމް އާޒިމް

މި ހޮޓްލައިނަށް ގުޅާ ފަރާތްތަކުން އެކި ހިދުމަތް ހިޔާރު ކުރުމަށް ނަންބަރުތަކެއް ހިޔާރުކުރަން ނުޖެހޭނެ ކަމަށާއި ހަމަ ގުޅާލާ އިރަށް އެމްޓީސީސީގެ އޭޖެންޓަކަށް ގުޅޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި 1650 އަށް ގުޅާ ފަރާތަތައް ކިއުއެއްގައި މަޑުކުރަން ނުޖެހޭނެ ކަމަށާއި މިސްވާ ކޯލްތަކަށް ވެސް އެމްޓީސީސީން އަނބުރާ ގުޅާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ހޮޓްލައިންގެ ހިދުމަތް ދޭނީ އެމްޓީސީސީގެ ކޯލް ސެންޓަރުގެ މުއައްޒަފުން ކަމަށް އެމްޓީސީސީން ބުނެއެވެ. އެ މުއައްޒަފުންނަކީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމާ ގުޅޭ ހާއްސަ ތަމްރީން ހަދާފައިވާ މުއައްޒަފުން ކަމަށާއި ވަގުތުން ޖަވާބު ދެވޭ ފަދަ ސުވާލުތަކަށް ވަގުތުން ޖަވާބުދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މީގެ ތެރޭގައި އާންމު ދަތުރުފަތުރާ ގުޅޭ ސުވާލުތަކާއި އިންޖީނެއްގެ ޓެކްނިކަލް ސުވާލެއް ނުވަތަ ވަޒީފާއާ ގުޅުން ހުރި ސުވާލެއް ނަމަ ކަމާގުޅޭ ޑިޕާޓްމަންޓުން މައުލޫމާތު ސާފުކުރުމަށް ފަހު ޖަވާބު ދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހޮޓްލައިން 1650 ލޯންޗު ކުރުމަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދީ ރައްޔިތުންގެ ސުވާލުތަކަށް ވީހާވެސް އަވަސްފުރުސަތެއްގެ ތެރޭގައި ޖަވާބު ދިނުމުގެ ގޮތުން 24 ގަޑިއިރު ހިދުމަތް ދިނުމަށް އެމްޓީސީސީން ތައާރަފު ކުރި ނަންބަރެކެވެ. އެހެންކަމުން އެމްޓީސީސީގެ ވަކިވަކި ނަންބަރުތަކަށް ގުޅައިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި އެއް ނަންބަރަކުން ހުރިހާ ބާވަތެއްގެ ސުވާލުތަކަކަށް ޖަވާބު ލިބިގެން ދާނެއެވެ.