ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރިސޯޓު ތަރައްގީ ކުރަން ރަށްރަށާއި ބިމާއި ފަޅު ދޫކުރުމުގެ ގަވާއިދެއް އެކުލަވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކޮށް އަމަލުކުރަން ފެށި ގަވައިދުގައި ބުނެފައިވާ ގޮތުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށާއި ބިމާއި ފަޅު ލިބޭނެ ޕްރޮޖެކްޓުތައް ރައީސްގެ ގަރާރަކުން ކޮންމެ އަހަރަކު އެއްފަހަރު ގެޒެޓްކުރަން ޖެހެއެވެ. އަދި ޕްރޮޖެކްޓު ހަވާލުކުރާ ފަރާތުން ބޭނުންވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ނެގުމުން އެތަން ކުއްޔަށް ދޭން ނިންމަވާނީ ރައީސް ކަމަށް ވެސް އެ ގަވައިދުގައި ބުނެއެވެ.

އެގޮތުން ސަރުކާރުގެ ހާއްސަ ޕްރޮޖެކްޓްތައް ހިންގާ ފަރާތްތަކަށް ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރާ ތަންތަނަކީ ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރަން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ތަންތަނަށް ވާން ޖެހެއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ލިސްޓުގައި ނުހިމެނޭ ތަނަކަށް އެދިއްޖެ ނަމަ އެތަނެއް އެ ލިސްޓަށް އިތުރު ކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބޭނެއެވެ.

ކްރޮސް ސަބްސިޑީގެ ދަށުން މީގެކުރިން ވެސް ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހިންގުމުގެ ބަދަލުގައި ރިސޯޓު ތަރައްގީ ކުރަން ރަށްތައް ވަނީ ދީފައެވެ. މީގެ ކުރިން އެކި ޕްރޮޖެކްތައް ހަވާލުކުރި އެކި ކުންފުނިތަކަށް، އެ ކުންފުނިތަކުގެ ސީއެސްއާރްގެ ދަށުން އެކި ރަށްރަށުގައި އެކި ހިދުމަތްތައް ދިނުން ލާޒިމް ވެސް ކުރިއެވެ. ރިސޯޓް ހިންގަން އޭރު ރަށްތައް ދިން ބައެއް ކުންފުނިތަކުން ރިސޯޓް ހިންގަމުން ދިޔަ ނަމަވެސް ޝަރުތުކުރި ހިދުމަތްތައް ނުދޭ މައްސަލަ ވަނީ ފެންމަތި ވެފައެވެ.