ސަރުކާރަށް ވައުދު ނުފުއްދޭކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިފަދައިން ވިދާލުވެފައި ވަނީ ސަރުކާރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ވެފައިވާ ވައުދެއްގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވަމުންނެވެ.
ބޮންޑޭ ވަނީ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހުތިޔާރު ކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދިނުމަށް ވީ ވައުދު ފުއްދެވުމަށް ގޮވާލާފައެވެ.
ދާދިފަހުން ބޮންޑޭ އާއި އެމްޑީޕީގެ އިތުރު މެންބަރުންތަކެއް ވެގެން ވަނީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސަށް ދެންނެވުމަށްޓަކައި، ބަރުލަމާނީ އަށް ތާއީދު އޮތްތޯ ބެލުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ.
މި ޕެޓިޝަނުގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 14 މެންބަރަކު ސޮއިކުރައްވާފައި ވާއިރު އެމަނިކުފާނު ވެސް ވަނީ އެމަނިކުފާނު ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވެފައެވެ.
"ދަ ޕްރެސް" އަށް މީގެ ކުރިން މައުލޫމާތު ދެއްވަމުން އެ މަސައްކަތުގައި އިސްކޮޅު އުޅުއްވާ ގާނޫނީ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވީ ޕެޓިޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ޓާގެޓަކީ 100،000 ސޮއި ހަމަކުރުން ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭގައި ޕެޓިޝަން ރައީސަށް ފޮނުވާނެ ކަމަށެވެ.