ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގައި ހުންނަ ބޭފުޅުން ދިރިއުޅުއްވާ ގެ ކައިރިން އެ ބޭފުޅުން ދުއްވާ، ނުވަތަ ބޭނުން ކުރައްވާ އުޅަނދުފަހަރު ޕާކް ކުރެވޭ ގޮތަށް ޕާކިން ސްލޮޓު ހަމަޖައްސަން މަޖިލީހަށް ހުށަހެޅަން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައި ވަނީ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ، މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސައި ދިނުމަށް ހުށަހެޅުމުންނެވެ. ރާއީ ވިދާޅުވީ، މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖެހިފައި ނެތުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ނުގަވާއިދުން ޕާކުކުރުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.
މަޖިޅިހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާހާ ހިންދަކު ޕާކިން ސްލޮޓް އެ ފަރާތަކަށް ލިބޭ ގޮތަށް ހަމަޖައްސާ އިރު އެ މަޖިލިސް މެންބަރެއް އުޅުއްވާ ގެއެއްގެ ކައިރިން އެ ސްލޮޓް ހަމަޖެިގެން ދިއުމަކީ މެންބަރުންނަށް ލިބިވަޑައިގަންނަވާނެ ފަސޭހައެއް ކަމަށް ރާއީ ފާހަގަ ކުރެއްވިއެވެ. އަދި މިފަދައިން ޕާކިން ސްލޮޓް ހަމަޖައްސާ އިރު، އާންމު ރައްޔިތުންނެކޭ އެއްގޮތަށް އެ ޕާކިން ސްލޮޓަށް ކޮންމެ މެންބަރަކު ވެސް ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭ ގޮތަށް އެ ހުށަހެޅުމުގައި ރާއީ ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓު ހަމަޖައްސައި ދިނުމަކީ އެމީހުންގެ ސަލާމަތާ ރައްކާތެރިކަމަށް އެޅިގެންދާނެ ފިޔަވަޅެއް ކަަމަށް ރާއީ ވިދާޅުވިއެވެ. އަދި މި ހުށަހެޅުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ފާސްވުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރާއީ ވިދާޅުވިއެވެ.