ށ. ޅައިމަގުގައި އޮގަސްޓް 22، 2021 ވަނަ ދުވަހު ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާ 26 އަހަރުގެ 2 ފިރިހެނުން ކަމަށެވެ. އަދި މި 3 މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ޅައިމަގުން ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވާ ކުއްޖާއަށް ޖެންޑާއިން ރައްކާތެރިކަން ފޯރުކޮށްދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ މައްސަލައެއް ފުލުހަށް ހުށަހެޅިގެން ތަހުގީގު ކުރަމުންދާކަން ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު ވަނީ އިއްޔެ "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.