ރާއްޖޭގެ ފިލްމީދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްދެއްވާފައިވާ މއ. ޗިޅިޔާވިލާ، ޗިޅިޔާ މޫސާ މަނިކް (ޗިޅިޔާ) އަވަހާރަވެއްޖެއެވެ.

ޗިޅިޔާ އަވަހާރަވެފައި ވަނީ މުސްކުޅިބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހުގައެވެ.

ޗިޅިޔާ އަކީ ރާއްޖޭގެ ފިލްމީދާއިރާއަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ފަންނުވެރިއެކެވެ. ރާއްޖޭގެ ފިލްމު އިންޑަސްޓްރީން އެކަހެރިވަޑައިގަތީ އާލާސްކަންފުޅާ އުޅުއްވަން ޖެހިވަޑައިގަތުމުންނެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއަށް ޗިޅިޔާ އެންމު ފުރަތަމަ ނިކުންނަވާފައި ވަނީ 1981 ވަނަ އަހަރު ދިވެހި ޓީވީން ތައްޔާރުކުރި "މުހައްމަދު ތަކުރުފާނު - ޣާޒީ ބަންޑާރައިން" މި ފިލްމުންނެވެ. މީގެ އިތުރުން ޗިޅިޔާ ވަނީ މަޝްހޫރު "ދޮން ހިޔަލައާއި އަލިފުޅު" މި ފިލްމުގައި ވެސް ހަރަކާތްތެރި ވެވަޑައިގެންފައެވެ.

1981 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް 50 އަށް ވުރެ ގިނަ ފިލްމާއި 30 އަށް ވުރެ ގިނަ ޑްރާމާ، ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ ޗިޅިޔާ އަކީ އާންމުންގެ ލޯބި ލިބިފައިވާ ހުނަރުވެރި އެކްޓަރެކެވެ.

ޗިޅިޔާ ކުޅުއްވާފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "މުހައްމަދު ތަކުރުފާނު - ޣާޒީ ބަންޑާރައިން - 1983" އާއި "މަޖުބޫރު ލޯބި" އާއި "ލޯބީގަ އަނިޔާ" އާއި "ޔަތީމް އަދި "ބަދަލު" ގެ އިތުރުން "ސިޓީ" އާއި "ހަނގު އަނބި" އަދި "ޒަހަމް" ފާހަގަ ކޮށްލެވެއެވެ.

ޗިޅިޔާއަށް ލިބިވަޑައިގެންނެވި ބައެއް އިނާމުތައް؛

  • 1983- ތަމްސީލާ ޑްރާމާކުޅުމުގެ ރޮނގުން - ސަރުކާރުން ދޭ އާންމު ޚިދުމަތުގެ އިނާމް
  • 1995 - އެންމެ މޮޅު ވާހަކަ - ޒަޚަމް (އާފަތިސް އެވޯޑް)
  • 1995 - އެންމެ މޮޅު ޑައިލޮގް - ޒަޚަމް (އާފަތިސް އެވޯޑް)
  • 1996 - އެންމެ މޮޅު ސަޕޯޓިން އެކްޓަރު - ހަނގުއަނބި (އާފަތިސް އެވޯޑް)
  • 2008 - ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (ގާނިއާ މިއަދު ކްރިސްޓަލް އެވޯޑް)
  • 2009 - ސަރުކާރުން ދޭ ގައުމީ ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް - މުނިފޫހި ފިލުވުމުގެ ދާއިރާއިން

1983 ވަނަ އަހަރު ތަމްސީލާއި ޑްރާމާ ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމް ހޯދާފައިވާއިރު ގައުމީ ހިދުމަތުގެ ޝަރަފުވެރި ކަމުގެ އިނާމް ވެސް ޗިޅިޔާ ވަނީ 2009 ވަނަ އަހަރު ހޯއްދަވާފައެވެ. މީގެއިތުރުން 8 އަހަރާއި 12 އަހަރާ ދެމެދު އުމުރުފުރާގެ ކުދިން ކިޔާހިތްވާނެ ކަހަލަ ފޮތެއް ތައްޔާރުކޮށްފައި ވާތީ ސަރުކާރުން ދެއްވާ ހާއްސަ އިނާމް ވެސް 2000 ވަނަ އަހަރު ޗިޅިޔާއަށް ވަނީ ލިބިވަޑައިގެންފައެވެ.