އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ބަޔާންކޮށް ގާނޫނުލްއުގޫބާތަށް އިސްލާހް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޮނުވި ބިލް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އެވެ. މި ބިލަކީ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" ކުރުމުގެ ކުށް އިތުރަށް ތަފްސީލް ކުރުމަށް ހުށަހެޅި ބިލެކެވެ.

އަދި އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ވަނީ ހިމަނާފައެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަން ސާފުވާ ގޮތަށް ވެސް އެ މާއްދާ އިސްލާހު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. ހަމައެއާއެކުގައި މި ބިލުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ އަމަލުން، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅުން ވެސް ބިލުގައި ހިމެނެއެވެ.

ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ތަފްސީލުކޮށްދޭން ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވީ ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް ފޮނުވި ބިލާއި ގުޅިގެން އާއްމުންގެ ކަންބޮޑުވުންތައް ފާޅު ކުރަމުން ދަނިކޮށެވެ. ނަފްރަތުގެ ބިލުވެ މަޖިލީހަށް ހުށަހަޅާފައި ވަނީ މެންބަރު ހިސާން އެވެ.

މިހާރު ނަފްރަތުގެ ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެ ބިލު ކޮމިޓީ މަރުހަލާއަށް އިސްލާހު ކުރުމަށް ފޮނުވާފައި ވަނީ ދެވަނަ ފަހަރަށެވެ.