އިއްޔެ ހަވީރުގެ ވަގުތެއްގައި އިމާރާތަކުން ވެއްޓުނު ކުއްޖާއަށް އައިޖީއެމްއެޗް އީއާރްގައި ފަރުވާދެމުން ގެންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އިމާރާތުން ވެއްޓުނީ އަންހެނެއް ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗް އިން ބުނީ، އިއްޔެ އިމާރާތަކުން ވެއްޓިގެން އެ ހޮސްޕިޓަލަށް ގެނައީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާއަށް ވަނީ އެމްޖެންސީ ރޫމްގައި ފަރުވާ ދީފައި ކަމަށެވެ. މި ހާދިސާގައި ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އައިޖިއެމްއެޗް އިން ހިއްސާއެއް ނުކުރެއެވެ. ނަމަވެސް ރޭ އެއްކޮށް އީއާރްގައި ފަރުވާ ދީފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވިރު 4:00 ހާއިރުއެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ އަމީނީ މަގުގައި ހުންނަ "ސްޓޮޕް އެންޑް ޝޮޕް" ފިހާރަ އާއި ޖެހިގެން ހުންނަ އިމާރާތެއްގެ މަތިން ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެއެވެ.

އެ ކުއްޖާ ވެއްޓުނު ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސަރަހައްދު މަގުމަތީގައި ކޮންމެ ވެސް ވަރަކަށް ލޭ ފެންނަން ހުއްޓެވެ.

އަދިވެސް އެ ކުއްޖާ ވެއްޓުނީ ކިހިނެއް ކަމާއި އެ ކުއްޖާއަށް ލިބިފައި ވާ އަނިޔާތަކުގެ ތަފްސީލް ލިބިފައެއް ނުވެއެވެ.