އިވެނީ އެހެން މީހުންވެސް ބަރުލަމާނީ އޭ ކިޔާ އަޑެވެ. އެމީހުންގެ އިލްމާއި ހިލްމާ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި، އާންމު އަހުލާގު ހުންނަ ގޮތް ގިނަ ދިވެހިންނަށް ފެނިފައި ހުރި ކަމަކަށް ގަބޫލެއް ނުުރެއެވެ. ބަރުލަމާނީ ހިންގާ ބައެއް ގައުމުތަކުގައި އިރުއިރުކޮޅާ ބޮޑުވަޒީރު ބަދަލުކޮށް ސަރުކާރު ބަދަލު ކުރާއިރު، ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި އެތައް އިންތިޒާމުތަކަކަށް ބުރޫއަރާކަންވެސް އެނގޭ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެނގޭނަމަ މިދިޔަ 3 އަަހަރު ތެރޭ 3 ފަހަރަށް މެލޭޝިއާގައި ސަރުކާރު ވައްޓާލިގޮތް އެނގޭނެއެވެ. އެއީ ދިރިހުރި މިސާލެކެވެ.

ދިވެހިންނަކީ، ޖެހިގެން ފައި ބުޑުގައި ޑަސްބިނެއް ހުސްޓަސް، ބޯލާ ފުޅިވެސް ބިންމައްޗަށް އެއްލާލައި ބައެކެވެ. އަނގަފުރެންދެން ފޯއް އަޅައިގެން ދުފާފައި އުފެދޭ އޮލަ ކުޅުގަނޑުވެސް ޖަހަނީ މީހުންގެ ފައި ބުޑަށެވެ. އަދަބެއް ސަދަބެއް، އުޅުމެއް އަހުލާގެއް ނެތް ބަޔަކަށް ބަރުލަމާނީ އޭ ކިޔާފައި އާ ކަމެއް ދައްކާ އިރު އެކަން "ބޮޑު ކަންތައްގަނޑަކަށް" ނުވެ ހިގައިދާނެ ކަމާމެދު ޝައްކެވެ.

ބޭނުންވާ ކަމެއް ހާސިލު ކުރުމަށްޓަކައި ގަޔަށް ހެޔޮވަރަށް ލިބާސް ފަހާހެން ގާނޫނުތަކާއި އުސޫލުތައް ބަދަލު ކޮށްފައި، ބޭނުން ނުވާ ކަމެއް ދިމާވެއްޖެ ނަމަ، ރައްޔިތުން ފަޅައިގެން ދިޔަޔަސް "އިއްޒަތްތެރި" މެންބަރުން ތިބިތަނުން ހިރުވާވެސް ނުލާ ތަނެއްގައި ބަރުލަމާނީއަށް ވަކި ހަދާނީ ކިހިނެއްހެއްޔެވެ.

އަދުލު އިންސާފު ގާއިމު ކުރާ ކޯޓުތަކުގައި މައްސަލަތައް ފުނިޖެހިފައި ހުރި އިރު، ބަލާނެ މައްސަލައެއް ބަލާފައި ބަލަން ބޭނުން ނުވާ މައްސަލަތަކަށް "ކޮފީތަށި ބަންޑުން ކޮށްލާ" ގައުމެއްގައި ބަރުލަމާނީއަށް ބަންޑުން ކޮށްލާނީ ކޯއްޗެއްހެއްޔެވެ. އިންސާފު އެދިގެން ކޯޓު ދޮށަށް ހިނގާ ރައްޔިތު މީހާގެ ފައިގައި ކުރަލާ އިރުވެސް، އެ މައްސަލަ ބަލާނެ ކަމެއްވެސް، ބަލައިގަން ކަމެއްވެސް ނުބުނާ ތަނެއްގައި ގެންނަން އުޅޭ ބަރުލަމާނީ އޮންނާނީ ކިހިނެއްހެއްޔެވެ.

ހަލާލު މަސައްކަތުން، ގުދާރު ބިންދައިގެން ރައްޔިތުންގެ ގިނަ ބަޔަކު އާމްދަނީ ހޯދާ އިރު، ޑްރަގާއި އެނޫންވެސް ޣައިރުގާނޫނީ ކަންކަމުން އޯވަނައިޓުން މުއްސަނދިވާ ބަޔަކު އުޅޭ ކަމާއި އެ ބަޔަކު ހުއްޓުވުމުގައި ފުލުހުންނާއި ތަންފީޒީ އިދާރާތައް ނުކުޅެދިފައިވާ ގައުމެއްގައި ބަރުލަމާނީ ހެޔޮވާނީ ކިހިނެއްހެއްޔެވެ.

ގޭގެ ކުއްޔާއި، ބިލުތައް ވެސް ސަލާން ޖަހައިގެން ނޫނީ މެޖޯރިޓީ ރައްޔިތުންނަށް ނުދެއްކޭ ކަން ގިނަ ބަޔަކަށް އެނގޭއިރު، އުސްކޮށް އަރަމުން ދާ ފްލެޓްތަކުގެ ގިނަ އެޕާޓުމަންޓުތައް "ސްޕޮޓް ކޭޝް" ދީފައި މެންބަރުންނާއި އެނޫންވެސް ގޭންގުތަކުން ގަންނަ ގައުމެއްގައި ބަރުލަމާނީ ނުގަނެވޭނެހެއްޔެވެ.

ބަރުލަމާނީގައި މިނިސްޓަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށް ވާއިރު އަދި ބޮޑުވަޒީރު ހޮވަނީވެސް އެ މަޖިލީހުގެ މެންބަރުން ކަމަށް ވާއިރު، ފައިސާ ނެތް މީހަކަށް ރާއްޖޭގައި އެތަނަށް ވަދެވޭނެހެއްޔެވެ. ރައްޔިތުންގެ ބަހެއް ނެތި، ރުހުނަސް ނުރުހުނަސް، ބަރުލަމާނީގައި ކަންކަން ނިންމޭ އިރު، ރާއްޖޭގައި އެމަޖިލީހަށް ވަދެ ތިބޭ މީހުން، ދެއިރު ދެދަޅައަށް ދައުލަތުގެ ތިޖޫރީގެ ފޫ ކަހަލާނުލާނެހެން ހީވޭހެއްޔެވެ. ފޫ ކަހާލައިގެން، މާކުންބޭ ބަނޑުހެން ބަނޑު ފުފި ފަޅައިގެން ދިޔަޔަސް ރައްޔިތު މީހާއަށް ޗުއްޕުވެސް ނުބުނޭ ނިޒާމެއް ގެންނަން ރުހެވޭނެހެއްޔެވެ.

ކޮރަޕްޝަނާއި ފަސާދަ ފާލުން ނެއްޓިފައި އޮތް ގައުމެއްގައި އަމުދުން އެއިން މައްސަލައެއް ނުބެލޭ ގައުމަކަށް ބަރުލަމާނީ ގެންނަން ވެދާނެހެއްޔެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި އެއީ މޮޅު ނިޒާމެއް ކަމަށް ބުނެ ރައްޔިތުން ބޮލަށް ހުތް އަޅައިގެން ގައުމު ހަލާކުކޮށްލަން އަމުދުން ހެޔޮވާނެހެއްޔެވެ.