ސޯޝަލް މީޑިއާގައި ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދިން މީހަކު ރ. މީދޫ އިން ހައްޔަރުކޮށްފިއެވެ.
ނަޝީދަށް އިންޒާރުދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރ. މީދޫއިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
ހައްޔަރުކޮށްފައިވާ ފަރާތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ސްކްރީންޝޮޓްތަކުން ފެންނަގޮތުގައި ރައީސް ނަޝީދަށް އަނެއްކާ ވެސް އިންޒާރު ދީފައި މިވަނީ ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫންކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓަކުންނެވެ.
އެ ކޮމެންޓުގައި އެމީހާ ބުނެފައިވަނީ ރައީސް ނަޝީދު ދެން ރާއްޖެ ވަޑައިގެންފިނަމަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދިގޮތް ހަދާނެ ކަމަށް ބުނެފައި ވެއެވެ. އަދި އެމީހާގެ ކޮމެންޓަށް ރައްދުދީ އެހެން މީހަކު ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެ ކޮމެންޓަށް ވެސް ރައްދު ދެމުން އޭނާ ވަނީ ހައެއް މޭގައި އެތަން ވަނީ ފެނިފައި ކަމަށާއި ދެން އެއަށް ވުރެ ހިތިވާނެ ކަމަށެވެ.
ރައީސް ނަޝީދު މިހާރު ވެސް ހުންނެވީ މޭ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދެވުމަށްޓަކައި އިނގިރޭސި ވިލާތުގައެވެ. މީގެ ކުރިން ސެޕްޓެމްބަރު މަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވާހަކަ ދެއްކެވި ނަމަވެސް ފަހުން ވަނީ ޗުއްޓީ އިތުރުކޮށް އެ ހަމަލާގައި ހައްޔަރުކުރި މީހުންނަށް ގޮތެއް ނުނިންމަނީސް ރާއްޖެ ވަޑައިނުގަންނަވަން ނިންމާފައި ވާކަން ހާމަ ކުރައްވާފައެވެ.
އެކަހަލަވާހަކަ އެއްވެސް މީހަކާދޭތެރޭ ދައްކައިގެންނުވާނެ! ކޮންމެދިރޭއެއްޗަކީ މަރުވާނެ އެއްޗެއް!