މިއަދު ޖުމްލަ 95 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 56 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 13 މީހެއް ކަމަށެވެ.

މިއާއެކު މިއަދު 123 މީހަކު ވަނީ ކޮވިޑް ބަލިން ފަސޭހަ ވެފައެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު މިވަނީ 1648 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 223 އަށް އަރާފައެވެ. މި މަހު ކޮވިޑް ބަލީގައި މަރުވެފައި ވަނީ ދެ މީހުންނެވެ. އެއީ މި މަހުގެ ދެ ވަނަ ދުވަހު މަރުވި މީހާއި މިއަދު މަރުވި މީހެކެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 533 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 173 މީހަކު މަރުވެފައެވެ.