ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުއްޓުވޭނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުން އެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި އެންވާރަމަންޓް މިނިސންޓްރީން ބުނެއެވެ.

ތިލަފުށީގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ގާއިމު ކުރާ އިރު އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމާލެވޭނެ ގޮތެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ތިލަފުށީ ގޮނޑަކީ އެތަކެއް އަހަރު ވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ހިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއް ވެދާނެ ކަމަށާއި ނަމަވެސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑު ލުއިފަސޭހަ އަކަށްޓަކައި ކުރެވޭ ކަމެއް ކަމަށް އެންވާރަމަންޓުން ފާހަގަކުރަމެވެ.

މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން ކުރާ މަސައްކަތެކެވެ. ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޑީބީ އާއި އޭޝިއަން އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) ގެ އެހީގައި އެންވާރަމަންޓް މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީއާއެކު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.