މި ސަރުކާރުން އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ ކަމެއް ކުރާ ނަމަ ކޯލިޝަން ރޫލާލަން ނުކުންނާވާނެ ކަމުގެ އިންޒާރު އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފިއެވެ.

އަދާލަތު ޕާޓީގެ 16 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މި ސަރުކާރު ތަފާތު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަނީ ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ކަމަށެވެ.

މި ސަރުކާރުން އިސްލާމްދީނާއި މިނިވަން ކަމަށް ރައްކާތެރިވެ، ރައްޔިތުންނަށް ހިދުމަތް ކުރާ ނަމަ ސަރުކާރާ އިންޗިއެއް ވެސް ދުރަށް ޖެހިވަޑައިނުގަންނަ ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެ އަސާސްތަކާ ހިލާފުވެއްޖެ ނަމަ، ކޯލިޝަން ރޫޅައިލަން އަދާލަތު ޕާޓީން ފަހަރެއްގައި ވެސް ފަހަތަށް ނުޖެހޭނަން ކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ ދައުރު ވެސް ވަރަށް މުހިންމު ކަމަށް އިމްރާން ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަށް އެ ޕާޓީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އެންމެ ހައިބަތާ އެކު ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ވެސް ޕާޓީގެ އެތެރޭގައި ކުރިއަށްދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެއާއެކު ޕާޓީއަށް އަލަށް ގުޅޭ މީހުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ މެންބަރުންނާ އެކު ކުރިއަށް ދިޔުމުގައި އޭނާ އަދާ ކުރައްވަނީ ފުޓުބޯޅަ ޓީމެއްގެ ކޯޗެއްގެ ދައުރު ކަމަށް އިމްރާން ވިދާޅުވިއެވެ. އެއީ ޕްރެކްޓިސްގައި ގިނަ ކުޅުންތެރިން ތިބި ނަމަވެސް ދަނޑަށް ކުޅެން ނެރޭނެ ކުޅުންތެރިން ކަނޑައެޅުމުގެ ދައުރު ކަމަށް އޭނާ ވިދާޅުވިއެވެ. ޕްރެކްޓިސްގައި ރަނަގޅު ނަތީޖާއެއް ދައްކާ މެންބަރުންނަށް އެނާގެ އެހީ ލިބޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި ސަރުކާރުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރު ބަޔަކަށް ދީފައިވާ ކަމުގެ ތުހުމަތު އިދިކޮޅުން އަންނަނީ ކުރަމުންނެވެ، އެގޮތުން ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދުގައި އޮތް އެކުވެރިކަމާ ގުޅޭ ގޮތުން އިދިކޮޅު ބޭފުޅުން ދެކެވަޑައިގަންނަވަނީ ގައުމުގެ މިނިވަންކަމަށް އިންޑިއާއިން ގަދަ ކުރާ މަންޒަރު ފެންނަން މާ ގިނަ ދުވަސްތަކެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކަން ދޮގު ކުރެއެވެ.