ސަރުކާރުން ހިންގާ ކުންފުނިތަކުގެ ނިޒާމްތައް ހަރުދަނާކޮށް އެ ކުންފުނިތައް ރަނގަޅު ކުރުމަށް ޕްރައިވެޓައިޒް ކުރަން ނިންމާފައިވާ ކަމަށާއި އެކަން ކުރާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ތީވީ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އަމިރު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްނަމަ ތަރައްގީ ފެންނާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް މަންފާ ލިބިގެން ދާނެ ކަމަށެވެ. އެކަމަކީ ތަރައްގީ ވަމުން އަންނަ އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތް ކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ރާއްޖޭގެ ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގެ ހިޔާލު ދައުލަތުގެ ބަޖެޓުގެ އެކި މަރުހަލާތަކުގައި ވެސް ހުށަހަޅުއްވާފައި ވާނެ ކަމަށް އަމީރު ވިދާލޫވިއެވެ. އަދި މި މައްސަތްކަތް ކުރިއަށް ދާ އިރު ރައްޔިތުންގެ މަޖީލީހާއި ދައުލަތުގެ ވަޒީރުންގެ މަޖިލީހުގެ ބައިވެރިވުންވެސް އޮންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި މި މައްސައްކަތް ކުރިއަށް ގެންދާ އިރު އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ގުޅޭ ގޮތުން އަމީރު ވާހަކަ ދެއްކެވި އިރު ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ގައުމީ އެއާލައިން ގެއްލުމުގައި ހިންގަމުން އަންނާތީ އެ ކުންފުނިީގެ ހާލަތު ރަނގަޅު ކުރުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުން ދާ ކަމަށް ވިދާޅުވެފައެވެ. މޯލްޑިވިއަންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްފައިވާއިރު، އެ ކުންފުނިތަކުގައި ތިބި ތަޖުރިބާކާރު ގިނަ ބަޔަކު ކުންފުނިތައް ދޫކޮށްފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ކަން ކުރެއްވި ނަމަވެސް ރާއްޖޭގައި ގައުމީ އެއާލައިން އޮންނާނެ ކަމަށާއި ސަރުކާރުން ސަބްސިޑީ ދީގެން ވެސް ގައުމީ އެއާލައިން ދަމަހައްޓާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ޖޮއިންޓް ވެންޗާއެއް ހެދުމުގެ ބޭނުމަކީ ބޭރުގެ ދަތުރުތަކުން ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.