ދައުލަތުގެ ދަރަނި އަދާކުރުމައްޓަކައި ރާއްޖޭގެ އެެއްވެސް ސްކޫލެއް ރަހުނު ކޮށްގެން ފައިސާ ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރައްވައިފިއެވެ.

ރޭ ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިނޭނަސް މިނިސްޓަރު ވަނީ މި ވަގުތު ރާއްޖޭގައި އެންމެ ބާރަށް ދެކެވޭ އެއް ވާހަކައާ ގުޅޭ ގޮތުން ތަފްސީލްތައް ދެއްވާފައެވެ. އިސްކަންދަރު ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން ސްކޫލް، އިމާދުއްދީން ސްކޫލް، ކަލާފާނު ސްކޫލް، ރެހެންދި ސްކޫލާއި، އީޕީއެސް އާއި އެމްއީއެސް އާއި ސީއެޗްއެސްއީ ހިންގި އިމާރާތް ސުކޫކް ވިއްކަން އެސެޓެއްގެ ގޮތުގައި ބަހައްޓަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ދޮގު ހަބަރު ފަތުރާފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އެ ވާހަކަތައް ފެތުރެން ދިމާވި ސަބަބެއް ކަމަށް ބެލެވޭ ކަމެއް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ސަރުކާރުގެ ބިންތައް ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީއަށް ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެއީ އެއްވެސް ހާލެއްގައި އެސެޓެއް ރަހުނު ކުރަން ކުރެއްވި ކަމެއް ނޫން ކަމަށާއި އެއީ މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ "އޮފު ކަނޑުވާލުމަށް" ބަޔަކު ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ.

ތަރައްގީގެ ތެރެއިން, ރާއްޖެ އިސްލާމީ ފައިނޭންސްގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަން މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ރަހުނު ކުރުމެއް ނޫން ކަމަށާއި ރާއްޖޭގެ އެސެޓުތައް ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ނެގުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރަށް ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ސުސޫކް ވިއްކަން މަސައްކަތް ކުރަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއެކު ަކަމށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި ސުކޫކަކީ އެސެޓް ބޭސްޑް ސުކޫކެއް ކަމަށާއި އެއީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕޯސް ވެހިކަލް (އެސްޕީވީ) އެއް ގޮތުން 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏަކަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކޮށް، އިންވެސްޓަރުންގެ ފަރާތުން އެ އެސެޓްތަކަށް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ކުއްޔަށް ދިނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފައިނޭންސް މިނިސްޓްރީން ވަނީ ދެ ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ވެސް ހުޅުވާލާފައެވެ. މިނިސްޓްރީން ވިއްކަން ހުޅުވާލާފައި ވަނީ ޖުމްލަ 2.02 ބިލިއަން ރުފިޔާގެ ޓީބިލެވެ. އޭގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ވިއްކަން ހުޅުވާލި 40 މިލިއަން ރުފިޔާގެ ޓީބިލަކާއި، 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 240 މިލިއަން ރުފިޔާގެ ޓީބިލަކާއި، 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 135 މިލިއަން ރުފިޔާގެ ޓީބިލަކާއި 365 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 1.6 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.