މަޖިލީހުގެ ތިން ވަނަ ދައުރު ފަށާފައިވާ އިރު، މި ދައުރަށް 32 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓަނީ ޖެނެރަލް އޮފީހުން ބުނެފިއެވެ. މި ބިލުތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު ހިމެނޭ ކަމަށް އޭޖީން ބުނެއެވެ.
އޭޖީން ބުނީ، މިހާރު އެ ބިލުތައް ވަނީ މަޖިލީހަށް ފޮނުވާފައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްދުކުރާ ބިލުތަކުގެ ތެރޭގައި އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހިމެނޭ ކަމަށް އޭޖީން ބުނެއެވެ. އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުން ހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާއީ ދާއިރާއާ ގުޅޭ ބިލުތަކާއި، އިގްތިސޯދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލުތައް ހިމެނެއެވެ.
އެ ބިލުތައް އޭޖީން ވަނީ މިއަދު އާންމުކޮށްފައެވެ. އެ ބިލުތަކުގެ ތެރޭގައި ހެއްކާބެހޭ ބިލާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު ހިމެނެއެވެ. ގިންތި ކަނޑަ އެޅުމާއި ދަރަޖަ ކުރުމުގެ ބިލާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި، މޯލްޑިވްސް ހެލްތު ސަވިސަސްގެ ބިލު ވެސް ހިމެނެއެވެ.
ހަމައެއާއެކު ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހައްޖާއި އުމްރާގެ ކަންކަން އިންތިޒާމު ކުރުމާ ބެހޭ ބިލާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއޮ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. އަދި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިޖުތިމާއީ މަސައްކަތްތެރިންގެ ބިލު ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފޮރިން އިންވެސްޓްމަންޓުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލާއި ކުންފުނީގެ ބިލާއި، ޓްރޭޑްމާކުގެ ބިލާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު ހިމެނެއެވެ. އަދި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލާއި ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލާއި، ކުނި މެނޭޖްކުރުމާ ބެހޭ ބިލު ގެ އިތުރުން ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކްލައިމެޓް އެމަޖެންސީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.
އެ ބިލިތަކުގެ ތެރޭގައި އާންމު ގަވާއިދުތަކުގެ ގާނޫނުން ބާރު ދީފައިވާ ގަވާއިދުތައް ގާނޫނަށް ހެދުމަށް ފޮނުވާ ބިލުތައް ވެސް ހިމެނެއެވެ. މީގެ އިތުރުން މިހާރު ގާނޫނު އަސާސީގައި ހިމެނޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތައް ވެސް މިއަދު ހުށަހެޅި 32 ބިލުގެ ތެރޭގައި ހިމެނެއެވެ.
މިހާރުގެ ގާނޫނު އަސާސީ އަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމާ އެކު ގާނޫނަކުން ބާރު ނުލިބޭ ގަވައިދުތައް ހިންގުން މަނާވެއެވެ. އެހެންވެ، އޭރު ހުރި ގަވައިދުތަކަށް ގާނޫނީ ބާރު ދިނުމަށް ހެދި އާއްމު ގަވައިދުތަކުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުގެ ދަށުން ގަވައިދުތައް ހިންގަން ފުރަތަމަ ދިނީ އެއް އަހަރު ދުވަހެވެ. އެއަށް ފަހު މުއްދަތު އިތުކުރާނެ ދެގޮތެއް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
އެއް ގޮތަކީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ގަވައިދު އެއޮތް ގޮތަށް މުއްދަތު އިތުރުކުރުމެވެ. އަނެއް ގޮތަކީ އެ ގަވައިދުގައި ބުނާ ކަންތައް ގާނޫނެއްގެ ގޮތުގައި ފާސްކުރުމެވެ. އެ ގާނޫނުގައިވާ ގޮތުން، އެ ގާނޫނުގެ ޖަދުވަލުތަކުގައި ވާ ހުރިހާ ގަވައިދެއް ގާނޫނަކަށް ހެދުމަކަށް ނުވަތަ މުއްދަތު އިތުރު ކުރާކަށް ލާޒިމެއް ނުކުރެއެވެ.