މިދިޔަ އަހަރު ރާއްޖެ އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި 10 މީހުންގެ ތެރެއިން 2 މީހަކަށް އެކަށީގެންވާ ބޭސްފަރުވާ ލިބޭކަން ކަށަވަރު ނުވާތީ އެ ދެމީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި 10 މީހަކަށް ވަނީ ދައުވާ ކޮށްފައެވެ. ހިތަދޫ ކޯޓުން މި މައްސަލަ ބަލަމުން އައި އިރު ދައުވާ ކުރާ 10 މީހުންގެ ތެރެއިން ދެމީހަކު ބަލި ހާލަތު ހުރި ގޮތް ބަލަން އެޗްއާރްސީއެމަށް ވަނީ އަންގާފައެވެ. އޭގެ ތެރެއިން އެކަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާ ދެމުންދާ ކަން ކަށަވަރު ކުރުމަށް އެޗްއާރުސީއެމްގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ. އަދި ހައްޔަރު ކުރި މީހަކު ކޮވިޑްގެ ހާލަތާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނުން އެންގުމުން އެކަން ބެލުމަށް ވެސް އެޗްއާރުސީއެމަށްް އަމުރެއް ނެރުނެވެ.

ހިތަދޫ ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ ބޭސްފަރުވާގެ ކަންކަން ބެލުމަށާއި އެ ދެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭ ފަދަ ސިއްހީ ސަބަބެއް އޮތްތޯ ބެލުމަށް އެޗްއާރުސީއެމްގެ މައްޗަށް ކޯޓުން ނެރުނު އަމުރަށް އެ ކޮމިޝަނުން ތަބާވެފައި ނުވާ ކަމަށެވެ. އަދި އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި އެ ކޮމިޝަނުން މަސައްކަތް ކުރީ އަމުރު މުރާޖައާ ކުރަން ހުށަހަޅައި، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަމަށް އެ ހިތަދޫ ކޯޓުން ބުނެއެވެ. އަދި އެ މައްސަލަ ކޯޓުން ބަލާ ގޮތަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެ ދެ މީހުން ކޯޓަށް ހާޒިރު ކޮށްދެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާތީ އާއި އޭގެ ތެރެއިން އެކަކަށް އެކަށީގެންވާ ބޭސްފަރުވާ ލިބޭކަން ކަށަވަރު ނުވާތީ އެ ދެ މީހުން ވަގުތުން ބަންދުން ދޫކޮށްލަން ހިތަދޫ ކޯޓުން ވަނީ ނިންމާފައެވެ.

އެ ދެ މީހުންގެ ސިއްހީ ހާލަތު ބަލަން ހިތަދޫ ކޯޓުން ކުރިން ނެރުނު އަމުރު އެޗްއާރުސީއެމްގެ ފަރާތުން އޭރު ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅިޔަސް، އެ ކޯޓުން ނިންމީ މައްސަލަ ބަލައި ނުގަތުމަށެވެ.

މިއީ ބަންދުގައި ތިބި ބައެއްގެ ސިއްހީ ހާލަތު ބަލަން ކޯޓަކުން އެޗްއާރުސީއެމްގެ މައްޗަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.