ނ. ވެލިދޫގައި އަންހެނަކު އޭނާގެ ދަރިއަށް އަނިޔާކުރި މައްސަަލއެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމުން މިހާރު ފުލުހުންނާއި ޖެންޑާއިން މައްސަލަ ބަލަައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެއެވެ.

މިހާދިސާގައި އަނިޔާ ލިބިފައި ވަނީ އުމުރުން ކިހާ ވަރެއްގެ ކުއްޖެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އަންހެންމީހާ މީގެ ކުރިން ވެސް އޭނާގެ ދަރިއަކަށް އަނިޔާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެ ކުއްޖާ ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކުޑަކުދިންނަށް ލިބޭ މިފަދަ އަނިޔާތައް ހުއްޓުވުމަށް ގިނަ ކެމްޕޭންތައް ކުރިއަށް ގެންދާ އިރު މި ފަދަ ކަންކަން ރިޕޯޓު ކުރުމަށާއި ކުޑަކުދިންގެ ހައްގު ހޯދައި ދިނުމަށް ދައުލަތާއި މިނިވަން މުއައްސަސާތަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ރާއްޖޭގައި ވަނީ އުމުރުން 3 އަހަރުގެ ކުއްޖަކަށް އަނިޔާކުރުމުގެ ސަބަބުން މަރުވެސް ވެފައެވެ. އެއީ ވ. ރަކީދޫ 3 އަހަރުގެ މުހައްމަދު އިބްތިހާލެވެ.