ކޮވިޑު ޖެހިގެން މިހާރު އައިސީޔޫގައި ފަރުވާދެމުން ދާ 4 މީހުންނަކީ ވެކްސިންގެ އެއް ޑޯޒްވެސް ނުޖަހާ މީހުން ކަމަށް ބަލި މީހުންނަށް ފަރުވާ ދެއްވުމުގައި އުޅުއްވާ އައިޖީއެމްއެޗްގެ ޑޮކްޓަރެއް ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު ރަޖިބް ޑޭ، ވިދާޅުވީ، މި ވަގުތު ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި ކޮވިޑް ޖެހިފައި ތިބި 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އެ ހަތަރު މީހުންނަށް ވެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށާއި އެ ހަތަރު މީހުންނަކީ ވެސް ކޮވިޑްގެ އެއްވެސް ވެކްސިނެއް މިހާތަނަށް ޖަހާފައި ނުވާ މީހުން ކަމަށެވެ.

ކޮވިޑް ބަލި ރާއްޖެއިން ފެނުނު ތާ 526 ދުވަސް ވެފައިވާ އިރު މިހާރު ބަލިން ރައްކާތެރިވެ ބޮޑުވަރު ވުމުން ދުރުކޮށް ދިނުމަށް ވެކްސިންތަކެއް ތައްޔާރުކޮށް އެ ވެކްސިންތަކުގެ ތެރެއިން ބައެއް ވެކްސިން ރާއްޖެއިން އަންނަނީ ޖަހައި ދެމުންނެވެ. ރާއްޛޭގައި ވެކްސިންގެ ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

ސަރުކާރުން ހިލޭ ޖަހައިދެމުންދާ މި ވެކްސިން، ޖެހޭ އާބާދީގެ އެންމެން ވީ އެންމެ އަވަހަށް ވެކްސިން ޖެހުމަށް ގޮވާލަމުން ސަރުކާރުން ދަނީ މި ބަލީގައި ބޮޑުވަރުވެ އެތައް ފުރާނައެއް ގެއްލުނަ ނުދީ ހުއްޓުވަށެވެ.

މިހާތަނަށް ރާއްޖެއި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 222 އަށް އަރާފައެވެ. މިދިޔަ ޖޫން މަހު ކޮވިޑް ބަލީގައި 50 މީހުން މަރުވި އިރު މޭއި މަހުގެ ތެރޭގައި އައި ކޮވިޑްގެ ބިޔަ ރާޅާއެކު 88 މީހެއްގެ ފުރާނަ ގެއްލުނެވެ. މިއީ އެއް މަހެއްގެ ތެރޭގައި މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި މަސް ވެސް މެއެވެ. މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ޖުމްލަ 13 މީހަކު މަރުވެފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ކޮވިޑް ވެކްސިން ނުޖަހާ މީހުން ކަމަށެވެ. އެހެންކަމުން މި ބަލި ޖެހި ބޮޑުވަރު ވުމުން ދުރުކޮށް ދިނުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިހާތަނށް ރާއްޖެއިން ކޮވިޑް ވެކްސިން ގިނަ ބަޔަކު ޖަހާފައިވާ ކަމަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ. މިއަދާ ހަމައަށް އައި އިރު، 342،793 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި އޭގެތެރެއިން 292،364 މީހުން ވަނީ ދެޑޯޒް ވެކްސިން ފުރިހަމަ ކޮށްފައެވެ.

ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ އިރު މިއަދު ވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖަހައިދޭން ފަށާފައެވެ. އެ އުމުރުފުރާގެ 34 ހާހެއްހާ ކުދިން އެބަތިބި ކަމަށް އެޑިއެކޭޝަން މިނިސްޓްރީން ބުނެއެވެ.