މިއަދު ކަސްޓަމްސްގެ ގިނަ މައުލޫމާތު ތަކެއް އެއްކޮށް ޑިލީޓްވި މައްސަލައިގައި އެއްވެސް ހައްސާސް މައުލޫމާތެއް ހިމެނޭ ސާވާއަކަށް މައްސަލަ ދިމާ ނުވާކަމަށް ކަސްޓަމްސް އިން ދެންމެ ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ މުއައްސަސާއިން ބޭނުން ކުރާ ވާޗުއަލް މެޝިނެއް ކްރޭޝް ވެ ލޯކަލް ފައިލްތައް (ސިސްޓަމްގައި ހުންނަ ފައިލްތައް) ގެއްލިފައި ވާ ކަމަށެވެ. އަދި އެ މެޝިން މިހާރު ރިކަވާ ކުރެވިފައި ވާކަމަށާއި ފައިލްތައް ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އޭގެ އިތުރުން، އެ މުއައްސަސާއިން ބޭނުން ކުރާ ހައްސާސް މައުލޫމަތުތައް ހުންނަ ސާވާތައް މަސައްކަތް ކުރާ ކަމަށްވެސް ބުންޏެވެ.

މިއަދު ކަސްޓަމްގެ ހުރިހާ ޑޭޓާތަކެއް ޑިލީޓް ވި ކަން "ދަ ޕްރެސް" އިން ރިޕޯޓު ކުރި އިރު އޭގެ ތެރޭގައި ހުރިހާ އިންވެސްޓިގޭޝަން ޑޭޓާތަކާއި، އޮޑިޓް ޑޭޓާތަކާއި، ބޮންޑް ފީސް އަދި ފައިންގެ އިތުރުން ޕްރޮމޯޝަން އުސޫލުގެ އޮރިޖިނަލް ފައިލްތަކާއި ރިސްކް ޕްރޮފައިލް ޑޭޓާތައް ހިމެނެއެވެ.

މިކަން "ދަ ޕްރެސް" އަށް ކަށަވަރު ވެފައި ވީ ނަމަވެސް ކަސްޓަމްގެ މީޑިއާއިން އޭރު އެކަން ދޮގު ކުރިއެވެ.

ކަސްޓަމްސް އަކީ، ރާއްޖެއަށް މުދާ އެތެރެކޮށް ބޭރުވާ މައި ދޮރާށި ކަމުގައި ވާއިރު، އެތާނގައި ކަމާ ގުޅުން ހުރި އެތައްހާސް މައުލޫމާތެއް ހުންނާނެއެވެ.