ނިޔަމަ ރިސޯޓުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ރިސޯޓުގެ ވޯޓާ ބަންގަލޯއެއްގައެވެ. އަލިފާން ރޯވެފައި ވަނީ ގާތްގަނޑަކަށް މިރޭ 8 ގެ ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

އެއީ ގެސްޓުން ތިބި ރޫމެއް ކަމަށް މައުލުމާތު ލިބެއެވެ. އަދި އެ ރޫމްގައި އަލިފާން ރޯވެފައި ވަނީ އެ ރޫމްގައި ތިބި ގެސްޓުން ރޭގަނޑުގެ ކެއުމަށް ދިޔަ ވަގުތުގައި ކަމަށް ވެސް މައުލުމާތު ލިބެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އަދި އަލިފާން ފެތުރި އިތުރު ރޫމަކަށް އަލިފާނުގެ އަސަރު ނުކުރާ ކަމަށް ވެސް މައުލޫމާތު ލިބެއެބެ.

މިހާރު އެ ރިސޯޓުގެ މުވައްޒަފުންގެ އެހީތެރި ކަމާއެކު އެ އަލީފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލް އަދި ލިބިފައި ނުވި ނަމަވެސް އެ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ އެއްފަޅެއްގައި އޮތް ދ. މާއެނބޫދޫއަށް ސާފުކޮށް ފެނުނު ކަމަށް އެ ރަށު މީހަކު މައުލޫމާތު ދެއެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެ އަލިފާން ގަނޑުގެ ހުޅު ވަރަށް ބޮޑުކޮށް ފެންނަން ހުއްޓެވެ.