މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ގާނޫނީ ޒިންމާ އަދާ ނުކުރާކަމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުން ގާނޫނީ ޒިންމާ އަދާ ނުކުރެވޭ ހާލަތަށް ގައުމު ވެއްޓިފައިވާ ކަމަށެވެ.

ޝަރީފް މިގޮތަށް ވިދާޅުވީ ރޭ ކުލަބްހައުސްގައި ކުރިޔަށްގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހާތްތެރިކަން ގެއްލޭފަދަ ހެކި ހުރި ކަމަށް ވިދާޅުވުމުންނެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުގެ ވަޒީރަކު މިފަދަ ވާހަކަތަކެއް ދެއްކެވުމުން އެކަން ތަހުގީގުކޮށް ފިޔަވަޅު ނާޅާނަމަ އެއިން ދޭހަވަނީ ގާނޫނީ ވެރިކަން ރާއްޖޭގައި ނެތް ކަން ކަމަށެވެ.

ޝަރީފަށް ރައްދު ދެއްވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު ގާނޫނީ ޒިންމާ އަދާކުރެވޭ ހާލަތެއް މިގައުމުގައި އޮތީ ކޮން އިރަކުތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އަދި ކޮންމެ ވެރިކަމެއްގައި ވެސް ފެންނަނީ ހަމަ މި މަންޒަރު ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

ރޭ ކުލަބްހައުސްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވަނީ ޝިއުނާ އާއި އައްސަދު ބޭޒާރުވާ ވަރަށް ހެކި ހުރިހަކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްޕީާރުސީގެ މައްސަލައިގައި އޭނާއަށް ދައުވާ ކުރަން ފޮނުވުމަކީ ސިޔާސީ ބޭނުމެއްގައި ބަޔަކު އެދިގެން ކުރުވި ކަމެއް ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މަހުލޫފު ވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރެވޭވަރަށް ހެކި ނުހުންނާނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި ހެކި އުފައްދަށް މަސައްކަތް ކުރާ ކަމަށާ އަދި ހިޔާނާތުގައި ބައިވެރިވިކަމަށް ދައްކަން ޝަރީއަތުގައި ހެކިބަސް ދޭނެ ބަޔަކަށް ދައުލަތުން ލާރިދޭން އުޅޭކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފް ގެ މައްޗަށް ދެ ދައުވައެއް ކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ގޮތެއް ނުނިންމާ އޮންނަތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ޕީޖީން ބުނީ އެ އޮފީހުން މި މައްސަލައިގައި ގޮތެއް ނުނިންމާ އޮތީ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށެވެ.