ކޮވިޑާ ދެކޮޅަށް ރަޝިޔާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިންގެ ޝިޕްމަންޓެއް ނުގަންނަން ސަރުކާރުން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ސްޕަޓްނިކް ވެކްސިން ނުގަންނަން ސަރުކާރުން ނިންމާފައިވަނީ މިވަގުތަށް ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައި ހުރުމުން ކަމަށެވެ.

އެޖެންސީން ބުނީ ސްޕަޓްނިކް ވެކްސިން ގަތުމަށް މަޝްވަރާކޮށްފައިވާ ނަމަވެސް ދެ ފަރާތުގެ ދެމެދު ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށެވެ.

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ސްޕަޓްނިކް ވެކްސިން ލިބޭނެކަމަށެވެ. އަދި އެ ވެކްސިން ހޯދަން ނޮން ޑިސްކްލޯޒާ އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށާއި ޑިސްޓްރިބިއުޓް ކުރާ ކުންފުނިން އެކަން ބަލައިގަނެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިހާރު ކުރިއަށް ދަނީ އެގްރިމެންޓުގައި ހުރި ބައެއް ކަންތަކާ ގުޅިގެން ހުރި މަޝްވަރާތައް ކަމަށާއި ވަރަށް އަވަހަށް ޕާޗޭސް އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

މިމަހުގެ 9 ވަނަ ދުވަހު އެމެރިކާ ސަރުކާރުން ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާކޮށްފައެވެ. އަދި އަމިއްލަ ފަރާތަކުން ހަދިޔާކުރި އެސްޓްރާޒެނެކާ ވެކްސިންއާއެކު ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީއަށް ހަމަވާވަރަށް ވެކްސިން ލިބިފައިވާކަމަށް ރައީސް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

..