އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ވެރިންނަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.

ކުލަބްހައުސްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އާ ދެ ބޭފުޅުންނާ ބެހޭ ކަންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި ކަންކަން އާންމުންނާ ހިއްސާ ކުރައްވައިފިއްޔާ "މަގުމަތީގައި ހިނގަން ލަދުގަންނާނެ" ކަމަށެވެ.

މަހުލޫފު ވިދާޅުވީ މި މައްސަލައިގައި އެބޭފުޅުން އަމަލުކުރަން ނިންމާފައި ވަނީ "ޖެހިޖެހީނުން ދުއްވާލަން" މަސައްކަތް ކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ޖަހައިގެން އެހާ ފަސޭހައިން އޭނާ ނުވެއްޓޭނެކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވެއެވެ.

މަހުލޫފް ގެންދަވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި އޭނައާމެދު ދައުލަތުން ކަންތައް ކުރަމުން އަންނަ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފް ގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ގޮތެއް ނުނިންމާ އޮންނަތާ ދެމަހަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު ޕީޖީން ބުނީ އެ އޮފީހުން މި މައްސަލައިގައި ގޮތެއް ނުނިންމާ އޮތީ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށެވެ.