ޕާކިސްތާނުގެ އުތުރުގެ ސަރަހައްދެއްގައި މިދިޔަ މަހު ބަހެއްގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގެ ފަހަތުގައި އޮތީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާނުންގެ ގޮތްޕެއް ކަމަށް، ޕާކިސްތާނުގެ ހާރިޖީ ވަޒީރު، ޝާހް މަހްމޫދު ގުރައިޝީ ތުހުމަތު ކުރައްވައިފިއެވެ.

މީހަކު އަމިއްލައަށް މަރުވެގެން ދިން ބަސް ބޮމުގެ ހަމަލާގައި ޗައިނާގެ 10 ލޭބަރުންނާއި ޕާކިސްތާނުގެ 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައި ވާއިރު، މި ހަމަލާގެ އިލްޒާމް، ގުރައިޝީ އަމާޒު ކުރެއްވީ އަފްގާނިސްތާނާއި އިންޑިއާގެ ޖާސޫސީ ހިދުމަތްތަކުގެ މައްޗަށެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގުރައިޝީ ވިދާޅުވީ، ހަމަލާއާ ގުޅިފައި ވާ ބަހަކީ، އަފްގާނިސްތާނު މަގުން، ޕާކިސްތާނަށް، ވަގަށް އެތެރެ ކޮށްފައި ވާ ބަހެއް ކަމަށާ، އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާ ދީފައި ވަނީ ބަސް ދުއްވަން އިން މީހާ ކަމަށެވެ.

މިހާތަނަށް ހޯދި ހޯދުންތަކަށް ބަލާއިރު، މި ހަމަލާ ދިނުމަށާ، ރޭވުމާ ތަންފީޒު ކުރާނެ ގޮތްތައް އެކުލަވާލުމަށް ބޭނުން ކޮށްފައި ވަނީ އަފްގާނިސްތާނުގެ ފަސްގަނޑުކަން އެނގިފައި ވާ ކަމަށްވެސް ގުރައިޝީ ވިދާޅުވިއެވެ. އަދި އަފްގާނިސްތާނުގެ ނޭޝަނަލް ޑައިރެކްޓަރޭޓް އޮފް ސެކިއުރިޓީ (އެންޑީއެސް) އާއި އިންޑިއަގެ މައި ޖާސޫސީ އިދާރާ ކަމަށް ވާ ރިސާޗް އިންޓެލިޖެންސް އޭޖެންސީ (ރޯ)އާ ގުޅިފައި ވާތީ ސާފު ވާކަމަށް ވެސް ގުރައިޝީ ވިދާޅުވިއެވެ.

ގުރައިޝީގެ ތުހުމަތުތަކާ ގުޅިގެން، އަފްގާނިސްތާނާއި އިންޑިއާގެ ހާރިޖިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހަމަލާ އަމާޒުކުރި ޗައިނާއާއި ޕާކިސްތާނާ ދެމެދު އެކުލަވާލާފައި ވާ 60 ބިލިއަން ޑޯލަރުގެ ޕާކިސްތާނުގެ އިގުތިސޯދީ ކޮރިޑޯ (ސީޕެކް) މަޝްރޫއުގެ ދަށުން، ޕާކިސްތާނުގައި ފެނުން ކަރަންޓް އުފައްދާ ޑޭމެއް އެޅުމުގެ މަސައްކަތުގައި އުޅުނު ޗައިނާއާއި ޕާކިސްތާނުގެ ލޭބަރުން އުފުލަން ބޭނުން ކުރި ބަހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރައްވާ ޕާކިސްތާނު ފުލުހުންގެ އިސް އޮފިސަރެއް ކަމަށް ވާ ޖާވިދު އިގުބާލު ވިދާޅުވީ، މި ހަމަލާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދިން ޕާކިސްތާނުގެ 2 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށާ، ހަމަލާ ރޭވުމުގައި ބައިވެރިވި އިތުރު 3 މީހަކު އަފްގާނިސްތާނުން ދެނެގަނެވިފައި ވާ ކަމަށެވެ.

ޕާކިސްތާނުން ވަނީ މި 3 މީހުން ހަވާލު ކޮށްދިނުމަށް، އަފްގާނިސްތާނުގެ ކިބައިން އެދިފައެވެ.