އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގައިގަންނަވާ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ސަސްޕެންޑް ކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު އޭނާގެ މައްސަލައިގައި ގޮތެއް ނިންމުމުގައި ލަސްތަކެއް އުޅޭތީ އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނީ މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓުގައި މަހްލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ޕީޖީން ބެކުމަށް ފަހު ގޮތެއް ނިންމުމަށް ހޭދަވީ 7 ދުވަސް ކަމަށެވެ. ނަމަވެސް އޭނާގެ މައްސަލަ ބެލުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާ ކަމަށާއި ޕީޖީން ދައުވާ ކުރިއަސް ނުކުރިއަސް ގޮތެއް ނިންމުމަށް މަހްލޫފް ވަނީ އެދިވަޑައިގެންފައެވެ.

މި ކަމާ ގުޅިގެން މެންބަރުން ވަނީ މަހްލޫފަށް ތައުރީފް ކުރައްވާ އަދި މައްސަލަ ނުނިންމާ ދިގު ދެމިގެން ދިއުމަކީ ޒުވާނުންނަށް ދިމާވާ ދެރައެއް ކަން ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، މަހްލޫފާ މެދު ގޮތެއް ނުނިމި ލަސްވާ ކޮންމެ ދުވަހަކީ އެތައް ބަޔަކަށް އެކަމުން ލިބޭ ގެއްލުމެއް ކަމަށެވެ. ހާއްސަކޮށް ޒުވާނުންނަށް އެކަމުން ދެރަ ލިބޭނެ ކަން ޔައުގޫބް ފާހަގަ ކުރެއްވިއެވެ. އަދި މައްސަލައިގައި ގޮތެއް ނިންމުމުގައި ލަސްވުމަކީ އިންސާފު ލިބުމަށް އެޅޭ ހުރަހެއް ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، މަހްލޫފަކީ ޔޫތް މިނިސްޓްރީއާ ގުޅުން ހުރި ދާއިރާތަކުގެ މަސައްކަތްތަކުގައި އަވަދިނެތި އިހްލާސްތެރި ކަމާއެކު މަސައްކަތް ކުރެއްވި ވަޒީރެއް ކަމަށެވެ. ތުހުމަތެއްގައި، ސަސްޕެންޝަނުގައި، ވާނުވާގައި ގިނަ ދުވަހު ހުންނަވަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ދެރައެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް (ސަމްޕަތު) ވަނީ މިނިސްޓަރު މަހްލޫފާ މެދު އަމަލުކުރެވެމުން ދާ ގޮތް ފެނިވަޑައިގަންވާ ކަމަށާއި ޒާތީ ތައައްސުބު އިސްކޮށް ސިޔާސީ މަންފާ ހޯދުމަށް އަނެކާ ކަތިލެވިގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ވަނީ ޔޫތު މިނިސްޓަރު މަހްލޫފާ މެދު ކަންކުރެވެމުންދާ ގޮތަކީ ގައުމުގެ ގިނަ ޒުވާނުން ވަރަށް ގާތުން ބަލަމުންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައިވާކަން އެނގުމުން، އެންމެ ފުރަތަމަ މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމުން ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރިލް 16، 2019 ގައެވެ.

ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ އޭނާ ވަނީ އަނެއްކާ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރުމަށް ފަހު އޭރު ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ގިނަވެގެން 6 ދުވަސްތެރޭ ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ވަކި ގޮތެއް ނުނިންމާ އޮންނަތާ މިއަދާ ހަމައަށް ވަނީ 66 ދުވަސް ވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައި ފަހުން އެންމެ ގިނަ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކޮށްފއިވަނީ ޔޫތް މިނިސްޓްރީންނެވެ. މަހްލޫފް ޔޫތް މިނިސްޓްރީއާ ހަވާލުވެވަޑައިގެންފަހުން ޒުވާނުންނަށް ހާއްސަކޮށް ހިންގާ ގިނަ ކަންކަމާއި ކުޅިވަރުގެ ކަންކަން ވަރަށް ހަލު ވި ސްޕީޑެއްގައި ކުރިއަށް ދާތަން ފެނެއެވެ.

މީގެ ކުރިން އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާ ކޮށްފި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފް ވިދާލުވެފައި އޮތް ނަމަވެސް ފަހުން އޭނާ ވަނީ އިސްތިއުފާ ދެއްވުމާ މެދު ވިސްނާލަން ޖެހޭ ކަމަށް ވިދާލުވެފައެވެ. އަދި އޭނާގެ ފަރާތުން ހާމަ ކުރަންޖެހޭ ކަންކަން ރަސްމީކޮށް ރައީސް ސޯލިހަށް ދަންނަވާނެ ކަމަށސް ވެސް މަހްލޫފަް ވަނީ ވިދާޅުވެފައެވެ.