ދުނިޔޭގެ އެންމެ ވަރުގަދަ ދިފާއީ ބާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާ އިސް ނަގައިގެން ކުރިއަށް ސައުތު އީސްޓް އޭޝިއާ ކޯޕަރޭޝަން އެން ޑް ޓްރެއިނިންގް (ސީކެޓް) އަސްކަރީ ތަމްރީނުތައް ފަށައިފިއެވެ.

21 ގައުމު ބައިވެރިވާ މި ތަމްރީނުތައް ކުރިއަށް ދަނީ ސިންގަޕޫރުގެ އިތުރުން، އޮންލައިން ޕްލެޓްފޯމްގައެވެ. އަހަރު 1 ފަހަރު ކުރިއަށް ގެންދާ މި ތަމްރީނުތައް ކުރިއަށް ގެންދާ، މިއީ 20 ވަނަ ފަހަރެވެ.

ސީކެޓް އަސްކަރީ ތަމްރީނުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ބްރޫނާއީ، ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިންޑިއަ، އިންޑޮނޭޝިއާ، ޖަޕާން، މެލޭޝިއާ، ދިވެހިރާއްޖެ، ނިއުޒީލަންޑް، ފިލިޕީންސް، ދެކުނު ކޮރެއާ، ސިންގަޕޫރު، ސްރީލަންކާ، ތައިލޭންޑް، އީސްޓް ޓީމޯ، އިނގިރޭސިވިލާތް، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

އެމެރިކާ ކަނޑުގެ އަސްކަރިއްޔާގެ ސެވަންތު ފްލީޓުން ހަބަރު ދޭ ގޮތުގައި، މިއަހަރުގެ ތަމްރީނުތަކުގައި، 10 މަނަވަރުގެ އިތުރުން 400 މެންބަރުން ބައިވެރިވެއެވެ. މި ތަމްރީނުތައް ފަރުމާ ކޮށްފައި ވަނީ، އިންސާނީ އެހީގެ މިޝަންތަކަށް ވަސީލަތް ބިނާ ކުރުމާ، ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުން ފަދަ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް، ކަނޑުގެ އަސްކަރީ ބާރުތައް އަހުލުވެރި ކުރަނިވި މޭރުމަކުންނެވެ.

އެމެރިކާ އިސްވެ އޮވެ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އަސްކަރީ ތަމްރީނުތައް ފަށާފައި ވާއިރު، ޗައިނާއާއި ރަޝިއާއިން ދަނީ، ޗައިނާގެ ނިންގްޝިއާ ސަރަހައްދުގައި، ގުޅިފައި ވާ އަސްކަރީ ތަމްރީނުތަކެއް ހިންގަމުންނެވެ.

2002 ވަނަ އަހަރު، ސީކެޓް ތަމްރީނުތައް ފަށާފައި ވަނީ، ސައުތު އީސްޓް އޭޝިއާ ކޯޕަރޭޝަން އަގެއިންސްޓް ޓެރަރިޒަމްގެ ނަމުގައެވެ. މި އަހަރުގެ ޑްރިލްގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިތުރުން ސަރުކާރު ހިއްސާ ނުވަ އެންޖީއޯތަކުންވެސް ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.