ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވާ ކަމެއް އެނގިފައެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ބައެއް މީޑިއާތަކުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ފުލުހުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. ހަމައެކަނި ފުލުހުން ބުނީ، އެކަން އެނގިފައި ނުވާ ކަމަށެވެ.

"އެފަދަ މަައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބިފައެއް ނުވޭ،"
ފުލުހުން

އެގޮތުން ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން ވަޒީފާއިން ވަކި ކުރަން ހަމަޖެހިފައި ވާ 7 ފަރާތެއްގެ ނަންތައް ވެސް ވަނީ އެ ނޫސްތަކުގައި އާންމުކޮށްފައެވެ.

އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމްގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގައެވެ. އަދި އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ފުލުހުންގެ ބޯޑެއް ވަނީ މިދިޔަ އޭޕްރިލް މަހު އެކުލަވާލާފައެވެ. އެ ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެއެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިވެސް ތިބޭނެއެވެ.