ކޮވިޑް-19 އާ ގުޅިގެން އެންމެ ގިނައިން މޮނިޓަރިންނަށް ލި ރަށްތަކުގެ ތެރޭގައި ހިމެނޭ ހދ. ކުޅުދުއްފުށީގައި ކޮވިޑް ކޭސްތައް މަދުވާން ފެށުމުން އެ ރަށުގެ ކާފިއު އުވާލައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު އުވާލާފައިވާ ކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައިވެއެވެ. އެރަށުގައި ކާފިއު ހިންގާފައި ވަނީ ކޮވިޑްގެ ލޮކްޑައުންއާ އެކު ކާފިއު ހިންގަން އަންގާފައި އޮންނަ އުސޫލުގެ ތެރެއިން ރޭގަނޑު 9 އިން ފަތިހު 4 އަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި ސިޓީ މޮނިޓަރިން އުވާލި ނަމަވެސް އަދިވެސް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށާއި ކާފިއު އުވާލެވުނު ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުއްދަ ނެތި ރަށަށް އަރާ ފޭބުން މަނާ ކުރެވިފައިވާ ކަމަށެވެ. އަދި ޕާކް ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު މައިދާންތައް ބަންދުކުރެވިފައި ވާތީ ޒަރޫރީ ބޭނުމަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުން އެ ކައުންސިލުން ވަނީ އެދިފައެވެ.

އެ ސިޓީގައި ކާފިއު އުވާލި އިރު އެރަށް މޮނިޓަރިންނަށް ލާފައި ވަނީ މިދިޔަ މަހުގެ 24 ވަަނަ ދުވަހުއެވެ. އެ ދުވަހު އެރަށް މޮނިޓަރިންނަށް ލާފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ޕޮޒިޓިވް ވުމުންނެވެ. އޭގެ ފަހުން އެ ސިޓީން ކޮވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ.

އެގޮތުން މިހާތަނަށް އެ ސިޓީން ވަނީ 50 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ ސިޓީން ފެނުނު ކޮވިޑް ކޭސްތަކާއި ގުޅިގެން ޖުމްލަ 33 ތަނަކާއި، އުޅަނދުތަކެއް ވަނީ ކަރަންޓީން ކޮށްފައެވެ.