ތ. ހިރިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް ކޭސްއެއް ހިރިލަންދޫ އިން ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މިއަދު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހިރިލަންދޫ ހެލްތް ސެންޓަރުން ބުނީ މިދިޔަ އާދިއްތަ ދުވަހު އެ ސެންޓަރުން ނެގި ފްލޫ ސާމްޕަލް އެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

މީގެ ކުރިންވެސް ޕޮޒިޓިވް ކޭސްއެއް ފެނިގެން ހިރިލަންދޫ މޮނިޓަރިއަށް ލިޔެވެ.

ކޮވިޑް ބަލިމަޑުކަން ރަށުގައި ފެތުރެމުން އަންނަ އިރު މިހާރު މޮނިޓަރިންގެ ހާލަތަށް 14 ރަށެއް ވަނީ ލާފައެވެ. އެއީ ހއ. ތަކަންދޫ، ހއ. ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ށ. ފީވައް، މ. ކޮޅުފުށި، ރ. އުނގޫފާރު، ރ. ދުވާފަރު، ކ ކާށިދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، އއ. ހިމްންދޫ އަދި ގދ. ނަޑެއްލާ އާއި ތ. ހިރިލަންދޫއެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.