މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައިސް ނަޝީދު މިހެން ވިދާޅުވީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޓަގަވަރުމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖުން މިއަދު ނެރުނު ރިޕޯޓަށް އިޝާރާތް ކުރައްވަމުންނެވެ. ނަޝީދު ވިދާޅުވީ، އެ ރިޕޯޓަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ލިބުނު ހިތްދަތި ހަބަރެއް ކަމަށެވެ. އަދި ރާއްޖެ ނެތި ހިނގައިދާނެ ކަމުގެ ބިރު މިހާރު ބޮޑުވެފައިވާ ކަން އެ ރިޕޯޓުން އިނގެން އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ އެކު ރާއްޖެއަށް މިހާރު ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. މޫސުމާ ގުޅޭ ގޮތުން އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ތިބީ ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުވެސް ކްލައިމެޓް ޗޭންޖުގެ މައްސަލަ އިތުރަށް ގޯސްވަމުން ދާ މި ދަނިޑިވަޅުގައި އެ ރިޕޯޓުގައި ހުރި ވާހަކަތަކުން ލިބުނީ ނުރައްކާ ބޮޑުވާ ކަމުގެ މެސެޖެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގެ 230 އަށް ވުރެ ގިނަ ސައިންޓިސްޓުން ހިމެނޭ ގޮތަށް އެކުލަވާލި ރިޕޯޓަކީ މި ފަހުގެ ތާރީހެއްގައި ކްލައިމެޓް ޗޭންޖާ ގުޅޭގޮތުން އެކުލަވާލި އެންމެ ވަރުގަދަ އެއް ރިޕޯޓެވެ. އެ ރިޕޯޓްގައި 14،000 އަށް ވުރެ ގިނަ ސައިޓޭޝަންސް ވަނީ ހިމަނާފައެވެ

ރިޕޯޓްގައި ބުނެފައި ވަނީ 1970 އިން ފެށިގެން ދުނިޔޭގެ ފިނިހޫނު މިން މައްޗަށް ދިޔަ އަދަދު ފާއިތުވި 2000 އަހަރާ ނުބައްދަލު ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރުތަކުގައި މޫސުމީ ކާރިސާތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކުން ސަލާމަތް ވުމަށް އަދިވެސް ވަގުތު އޮތް ކަމަށް އެ ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ. އެ ގޮތުން ޖައްވައް ދޫކުރާ ވިހަ ގޭސް މަދު ކުރުމަކީ ކުރެވެން އޮތް ކަމެއް ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.