ސަރުކާރުގެ ހަރަދުތައް މެނޭޖްކުރަން އަންނަ ސެޕްޓެމްބަރު މަހު އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން އިތުރު 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސީ އެޑްވޮކެސީ ކާކަސް (އެމްޕެކް) އިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ. އަމީރު ވިދާޅުވީ، އައިއެމްއެފުން ރާއްޖެއަށް ކަނޑައަޅާފައިވާ ސްޕެޝަލް ޑްރޯވިން ރައިޓްސް (އެސްޑީއާރް)ގެ ލިމިޓަށް ވާވަރަށް އަނެއްކާ ވެސް ފައިސާ ހޯދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އައިއެމްއެފްގެ އެސްޑީއާރް އެކްސްޕޭންޑް ކޮށްފައި ވާ ކަަމަށް އަމީރު ވިދާޅުވިއެވެ. އެއާއެކު އަންނަ ސެޕްޓެމްބަރު މަހުގައި އިތުރު 30 މިލިއަން ޑޮލަރު އެސްޑީއާރް އެލޮކޭޝަންގެ ތެރެއިން ލިބޭނެ ކަމުގެ އިންޑިކޭޝަން އައިއެމްއެފުން ދީފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ދިމާވި އިގްތިސާދީ ދަތިކަމުން އަރައިިގަތުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ވެސް އައިއެމްއެފުން ދިން ރެޕިޓް ކްރެޑިޓް ފެސިލިޓީގެ ދަށުން 28.9 މިލިއަން ޑޮލަރު (446 މިލިއަން ރުފިޔާ) ހޯދާފައެވެ.

އެސްޑީއާރަކީ އައިއެމްއެފުން ފައިސާގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. އެއް އެސްޑީއާރްގެ އަގަކީ 1.4 ޑޮލަރެވެ. އާންމުގޮތެއްގައި އާއިއެމްއެފްގެ ފައިސާގެ މުއާމަލާތްތަކުގައި އެ އިދާރާއިން ބޭނުން ކުރާނީ އެސްޑީއާރެވެ. އަދި ވަކިވަކި ގައުމުތަކަށް އެސްޑީއާރްގެ ގޮތުގައި ބޭނުން ކުރެވޭނެ ވަރު އެ އިދާރާ އިން ވަނީ ކަނޑައަޅާފައެވެ. މިވަގުތު ރާއްޖެއަށް ކަނޑައަޅާފައިވާ ލިމިޓަކީ 21.2 މިލިއަން އެސްޑީއާރް ކަމުން އެންމެ ގިނަ ވެގެން ނެގޭނީ އެވަރެވެ.

ކޮވިޑްގެ ހާލަތުގައި އިގްތިސާދަށް ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަތުމަށް 520 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) މާލީ އެކި އިދާރާތަކުން ހޯދާފައި ވެއެވެ. މިއާއެކު ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 86 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ގާތްގަނޑަކަށް 150 ޕަސެންޓެވެ.