ގަދަ ވައި ރޯޅިއެއް އަރައި ކުޅުދުއްފުށީ ގެއެއްގެ ފުރާލު އެއްލާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:42 ހާއިރު އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މި ހާދިސާގައި ފުރާޅު އެއްލާލާފައިވާ ގެއކީ ހަދަންފަށާ ނުނިމި ހުރި ގެއެއް ކަމަށެވެ. އެހެން ނަމަވެސް އެއްކޮޓަރި ނިމިފައިވާ ކަމަށާ އެ ކޮޓަރީގައި ދިރިއުޅެމުންދާ ފަރާތް އެ އިމާރާތާ ޖެހިގެން ހުރި އިމާރާތަށް ބަދަލުކޮށްފައިވާ ކަމަށެވެ.ަ

އަދި ފުރާލު އެއްލާލިފަހުން ވެސް ވާރޭ ވެހިފައިވާތީ އެ އިމާރާތުގައި ހުރި ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް ވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

https://fb.watch/7gGfbAs2mR/

އެމްއެންޑީއެފް އިން ވެސް ވަނީ މި ހާދިސާއާ ގުޅިގެން އެ ގޭގެ ފުރާޅު ރަނގަޅު ކޮށްދިނުމަށް އެހީތެރިކަން ފޮރުކޮށްދީފައެވެ. އެމްޑީއެފް އިން ބުނީ މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ޖެހުނު ގަދަ ވަޔާއެކު ގެއެއްގެ ފުރާޅު އެއްލާލުމުގެ ސަބަބުން އެމްއެންޑީއެފްގެ ނޮދާން އޭރިއާ ސިފައިންނައި ކުޅުދުއްފުށީ ކައުންސިލް އާ ގުޅގެން އެ ގޭގެ ފުރާޅު ރަނގަޅުކޮށް އާންމު ހާލަތައް ގެނެސްފައިވާ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި މިމަހުގެ 6 ވަނަ ދުވަހު ވަނީ މަލޭގައި ވެސް ގަހެއް މުލުން ލުހިގެން ވެއްޓިފައެވެ. މި ހާދިސާގައި މަގުމަތީގައި ހުރި ބައެއް ސައިކަލުތަކަކަށް ވަނީ ގެއްލުންވެފައެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން (މެޓް) މިއަދުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށިގެންވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އިން ބުނެއެވެ.

މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވެސް ލަފާކުރެވޭ ކަމަށާ ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އިން ބުނެއެވެ.