ކުޑަ ދޮރެއް ހަލާކުވެ ގަތަރު އެއާވޭސްގެ ފުލައިޓެއް އެމަޖެންސީކޮށް ވެލާނާ އެއާޕޯޓަށް މިހާރު ޖައްސައިފިއެވެ.

މިކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ވެފައެވެ. މި ހާދިސާއާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދިން މަސްދަރުން ބުނީ ބޯޓު ޖައްސައިފި ކަމަށާއި ބޯޓުގެ ޕައިލެޓް ދޮރު އެއްކޮށް ހަލާކުވެފައި ވާ ކަމަށެވެ.

އަދި އިތުރު ގެއްލުމެއް ހުރިތޯ ބަލަމުން ދާ ކަމަށްވެސް ވަނީ މައުލޫމާތު ދިން މަސްދަރުން ބުނެފައެވެ.

ގަތަރު އެއާވޭސް ރާއްޖެ މަތިން އުދުހެނީ / ފައިލް ފޮޓޯ

އެމަޖެންސީކޮށް މި ފުލައިޓު އަނބުރާ ޖެއްސި އިރު އެ ފްލައިޓް ރާއްޖެއިން ނައްޓާލީ މިރޭ 7:45 ހާއިރުއެވެ. އެ ފްލައިޓުގައި 300 އެއް ހާ ފަސިންޖަރުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ފުލައިޓު އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވާއިރު ފުލައިޓުގައި ތިބި އެއްވެސް ފަސިންޖަރަކަށް އަނިޔާއެއް ލިބުނު ކަން ނުވަތަ ނޫންކަން ސާފެއް ނުވެއެވެ. އަދި ޕައިލެޓަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއްވެސް އަދި ނުލިބެއެވެ.

ގަތަރު އެއާވޭސް އަކީ ރާއްޖެއަށް ގިނަ ދަތުރު ތަކެއް ކުރާ އެއާލައިނެކެވެ. އެ އެއާލައިނުން ފަތުރުވެރިން ދަތުރު ކުރާ އިރު ގިނަ އަދަދެއްގެ ދިވެހިން ވެސް ދަތުރު ކުރެއެވެ. މިރޭ އެ ފްލައިޓުގައި ދިވެހިން ތިބިކަން އަދި ޔަގީން ނުވާއިރު ތިބީ ކޮން ގަމުތަކެއްގެ ބައެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.