ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ އަހްމަދު ފާތިހު ބަންދުން މިނިވަން ކޮށްފިއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ފާތިހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލާފައި ވަނީ އެ ޓެރަރިސްޓް ހަމަލާ ދިނުމާ ގުޅޭ މައްސަަލައިގައި އޭނާއާ ދެކޮޅަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ ބުނުމާއި އަދި ދައުވާ ނުކުރަން ނިންމުމާ ގުޅިގެންނެވެ.

ފާތިހަކީ މި މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ އަށް ކާވެނިކުރަން ގޮސް ހުއްޓައެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު އޭނާއާއި އޭނާގެ އަންހެނުންގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރި 5 މީހުންގެ ތެރެއިން ފާތިހު ފިޔަވާ ދެން ތިބި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ވަނީ ކޯޓަށް ފޮނުވާފައެވެ. އަދި އިތުރުން މީހުންގެ މައްސަލަ ވެސް ތަހުގީގު ނިމުނުން ދައުވާ ކުރަން ފޮނުވާނެ ކަމަށް ކުރިން ޕީޖީން ވަނީ ބުނެފައެވެ.

ނަމަވެސް މި މަހުގެ 3 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހުސެން ޝަމީމް ވިދާޅުވެފައި ވަނީ، ބޮމުގެ ހަމަލާގެ ތަހުގީގުގައި މިހާތަނަށް އެނގިފައިވާ ކަންތައްތަކަށް ބަލާއިރު މިވަގުތަށް ފާތިހުގެ މައްޗަަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލަކަށް ޝަމީމް ވަޑައެއް ނުގަންނަވައެވެ.

ނަމަވެސް ފާތިހުގެ މައްސަލަ އަދިވެސް ތަހުގީގު ކުރާނެ ކަމަށާއި މިވަގުތަށް ޕީޖީ އޮފީހަށް ލިބިފައިވާ ހެއްކަށް ބަލާ އޭނާއާ ދެކޮޅަށް ދައުވާ ނުކުރަން އެއޮފީހުން ނިންމީ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ފާތިހަކީ ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި މީހެކެވެ. ނަމަވެސް 6 މޭގައި ހަމަލާ ދިން އިރު އޭނާ ހުރީ ފުލުހުންގެ ވަޒީފާގައި ނޫން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާ އެ ވަޒީފާގައި މަސައްކަތް ކުރި އިރު އޭނާގެ ކިބައިން ހަރުކަށި ފިކުރުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. ފާތިހު ފުލުހުންގެ ވަޒީފާއިން ވަކިވީ ނަޝީނަށް ހަމަލާ ދިނުމުގެ 6 މަސްދުވަސް ކުރިންނެވެ.