މާލޭގެ މައްޗަން ގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ކުރިތާ 19 މިނެޓް ތެރޭ ސިފައިން ގޮސް އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މއ. އެމްޓޭޝަން އިން ދުން އަރާތީ އެ މައުލޫމާތު ސިފަިއންނަށް މިރޭ 7:45 ހާއިރު ލިބިގެން އެ ސަރަހައްދަށް ސިފައިން ގޮސް ހަރަކާތްތެރި ވެފައިވާ ކަމަށެވެ. އަދި އެ ގޭގައި ރޯވި އަލިފާން ސިފައިން ނިއްވާލާފައި ވަނީ މިރޭ 8:04 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ގޭގައި އަލިފާން ރޯވެފައި ވަނީ ކޮޓަރިއެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ކޮޓަރީގައި ހުރި ބައެއް އަންނައުނާއި ގޮދަޑިއާއި ސޯފާގައި ރޯވެ އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.