ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 630،943 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 4 ދުވަހުގެ ތެރޭ 18،576 ފަތުރުވެރިން އައި އިރު މިއަހަރު ޖުމްލަ ވަނީ 630،943 އަށް އަރާފައެވެ.

މިއަހަރުގެ 8 ވަނަ މަހާ ހަމައަށް ހލައްކަ ފަތުރުވެރިން އައި އިރު ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެއެވެ.

މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފްސީލް:

  • ޖެނުއަރީ: 92،103
  • ފެބްރުއަރީ: 96،882
  • މާޗް: 109،585
  • އޭޕްރީލް: 91،200
  • މެއި: 64،613
  • ޖޫން: 56،166
  • ޖުލައި: 101،818

2019 ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ގޮތުގައި ރިޕޯޓު ކޮށްފައި ވަނީ 1،702،887 އެވެ. ނަމަވެސް ކޮވިޑް ބަލި ހާލަތާ މުޅި ދުނިޔެ ކުރިމަތިލާން ޖެހުމާއެކު މިދިޔަ އަހަަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އައިސްފައި ވަނީ 555،494 ފަތުރުވެރިންނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެއީ މިއަހަރު ތެރޭ 145،293 ފަތުރުވެރިން ޒިޔާރަތް ކޮށްގެންނެވެ. މި ލިސްޓުގެ ދެވަނައިގައި އޮތް އިންޑިއާ އިން 108،959 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައިގައި 35،483 ފަތުރުވެރިންނާ އެކު އޮތީ ޖަރުމަނެވެ.

މިލިސްޓުގައި ދެން ހުރި ގައުމުތަކަކީ، އެމެރިކާ، ޔޫކްރެއިން، ސައުދީ އަރަބިއްޔާ، ކަޒަކިސްތާން، ސްޕެއިން އަދި ފްރާންސެވެ.