ރިސޯޓް މުވައްޒަފުންގެ 91 ޕަސެންޓް މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮޑު ބައެއް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެ ގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 97 ޕަސެންޓް މުވައްޒަފުން ޖަހާފައި ކަމަށާއި 91 ޕަސެންޓް މުވައްޒަފުން ވަނީ ދެ ޑޯޒް ޖަހާފައި ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ގިނަ އަދަދެއްގެ ރިސޯޓް މުވައްޒަފުން ކޮވިޑް ވެކްސިން ޖަހާފައިވާ އިރު މިހާރު ސަރުކާރުން ދަނީ ހުރިހާ ފަރާތްތަކުން ވެސް ވެކްސިން ޖެހުމަށް ގޮވާލަމުންނެވެ. އެ ގޮތުން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް ވެކްސިން ޖެހި މީހުން ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 326،339 މީހުންނެވެ. އޭގެތެރެއިން 278،496 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް ދައްކައެވެ.

ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް މިހާރު ފަށާފައި ވާ އިރު، މި މަހުގެ ތެރޭގައި އެސްޓްރާޒެނެކާ އަދި ފައިޒާ ވެކްސިންގެ ޝިޕްމަންޓެއް ލިބޭނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޓުމަތު ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި މި ވެކްސިންތައް ގެނެސް ވެކްސިން ދޭން ފަށާއިރު ވެކްސިން ޖަހޭ އާބާދީ އިތުރު ވާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ. އެ ގޮތުން ފައިޒާ ވެކްސިން މިހާރު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޖަހާ ގޮތަށް ވަނީ ނިންމާފައެެވެ.

ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހައިދީ ނިމުމުން ސަރުކާރުން ވަނީ ރާއްޖެއަށް އަންނަ ގެސްޓުންނަށް ވެކްސިން ޖަހައިދޭން ނިންމާފައެވެ.