މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބޮޑެތި ހުކުމްތަކެއް އަންނަ 13 ދައުވާއެއް އުފުލައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކވަަމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އަދުހަމް އަހުމަދު ރަޝީދު، މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމް އަށް ދައުވާކުރުމަށް ފޮނުވާފައިވާކަމަށާ މި 4 މީހުންނަށް މައްސަލަ ސާބިތުވާވަރަށް ހެކި އެބަހުރި ކަމަށެވެ.
އަދުހަމްގެ މައްޗަށް 4 ދައުވާއެއް ކުރަން ނިންމާފައިވާއިރު މުޖާޒްގެ މައްޗަށް 2 ދައުވާއެއް ކުރުމަށް ނިންމާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ތަހުމީންގެ މައްޗަށް 4 ދައުވާ ކުރަން ނިންމާފައިވާއިރު ހައިޝަމްގެ މައްޗަށް 3 ދައުވާ ކުރަން ނިންމާފައިވާކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
އަދުހަމްގެ މައްޗަށް އުފުލުމަށް ފޮނުވާފައިވާ ދައުވާ ތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމާއި، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ އިތުރުން ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގަ މީހަކު މަރާލަން ހުރުން މި 4 ދައުވާއެވެ.
ޝަމީމް ވިދާޅުވީ މީގެ އެއްދުވަސް ކުރިން އަދުހަމް ވަނީ އެއްބަސްވުމުގެ އިއުތިރާފް ހަދާ އޭގައި ސޮއިކޮށްފައި ކަމަށެވެ. އަދި އަދުހަމްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާނީ އެ އެއްބަސްވުމާ އެއްކޮށް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަދުހަމް އަށް އަދަބު ދިނުމުގައި އެ އެއްބަސްވުމަށް ބަލާނެކަމަށާ އިއުތިރާފްގެ އެއްބަސްވުން ހަދައިފިނަމަ އަދަބުދިނުމުގައި ލުއިދެވޭނެކަމަށެވެ.މިގޮތުން މިހާރު އެއްބަސްވެވިފައިވާ ގޮތުން ޓެރަރިޒަމް އަމަލެއް ކުރުމުގެ ކުށަށް އިއުތިރާފުވުމުން 20 އަހަރުގެ ޖަލުހުކުމެއް އަދުހަމްގެ މައްޗަށް އަންނާނެ ކަމަށާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށަށް އިއުތިރާފުވުމުން 3 އަހަރުގެ ޖަލުހުކުމަކާއެކު ޖުމުލަ 23 އަހަރުގެ ޖަލު ހުކުމެއް އަދުހަމްގެ މައްޗަށް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް އިތުރަށް ވިދާޅުވީ އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި މިގޮތަށް މި ދައުވާ އަނބުރާ ގެނެސްފައިވަނީ އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމަށް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
މުޖާޒް ގެ މައްޗަށް ކުރަން ނިންމާފައިވާ 2 ދައުވާއަކީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުމަށް އެހީތެރިވުން މި އެވެ. މި ދެ ދައުވާގެ ތެރެއިން މުޖާޒް އަށް ޖުމުލަ 17 އަހަރާ 9 މަހާ 18 ދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ. އެއީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ ދަށުން 17 އަހަރުގެ ޖަލުހުކުމަކާ ކުށެއް ކޮށްފައިވާ މީހަކު ފިލުމަށް އެހީތެރިވެދިންކަމުގެ ދައުވާގެ ތެރެއިން 9 މަހާ 18 ދުވަހުގެ ޖަލުހުކުމެކެވެ.
ތަހުމީނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވިކަމުގެ ދައުވާގެ ދަށުން 17 އަހަރުގެ ޖަލުހުކުމަކާ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ ދަށުން 17 އަހަރުގެ ޖަލުހުކުމަކާ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާގެ ދަށުން 3 އަހަރުގެ ޖަލުހުކުމެއް އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާގެ ދަށުން 12 އަހަރުގެ ޖަލުހުކުމާއެކު ޖުމުލަ 49 އަހަރުގެ ޖަލުހުމުކެއް އަންނާނެކަމަށް ޝަމީމް ވިދާޅުވިއެވެ.
ހައިޝަމްގެ މައްޗަށް ކުރާ ދައުވާ ތަކަކީ ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމަށް 17 އަހަރުގެ ޖަލުހުކުމަކާ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމަށް 12 އަހަރުގެ ޖަލުހުކުމެއްގެ އިތުރުން ޓެރަރިޒަމް އަމަލެއް ހިންގުމުގައި ބައިވެރިވުމަށް 17 އަހަރުގެ ޖަލުހުކުމާއެކު ޖުމުލަ 46 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ. ޝަމީމް ވިދާޅުވީ އެހެން ފަރާތްތަކުންވެސް އެއްބަސްވުމުގެ އިއުތިރާފް ހަދަން ބޭޏުންވާނަމަ އެފަރާތްތަކާ ވާހަކަ ދައްކައިގެން މަސައްކަތްކުރާނެކަމަށެވެ.