މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

މިކަން މިއަދު ހާމަކުރައްވާފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ސީޕީ ހަމީދު ވިދާޅުވީ 6 މެއި ގެ ހަމަލާއާއި ގުޅިގެން 4 މީހަކަށް ދައުވާކުރުމަށް ޕީޖީ އިން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

މެއި 6 ގެ ހަމަލާގެ ތަހިގީގު ތަކުގައި ބަައިވެރިވި ހުރިހާ އޮފިސަލުންނަށާއި މުވައްޒަފުންނަށް ސީޕީ ހަމީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ނަޝީދަށް ހަމަލާ ދިން މީހުންނަށް ދައުވާ ކުރުމާމެދު ނިންމި ނިންމުން ތަފުސީލު ހާމަކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު 2 ޖަހާއިރު ޕްރެސް ކޮންފަރެންސްއެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިގިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ މި މައްސަލައިގައި ހައްޔަރުކުރި 4 މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ.

އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހު މި މައްސަލައިގައި 05 ވަނައަށް ހައްޔަރުކުރި ނ.މަނަދޫ ނޫރީގޭ އަލީ ހައިޝަމްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ފީޖީ އަށް ފޮނުވާފައެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހު ދިން ހަމަލާ އާ ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށް މި ދިޔަ މަހުގެ 24 ވަން ދުވަހުގެ ރޭ ބޭއްވި ފްރެސް ބްރީފިންގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވަނީ ވިދާޅުވެއްޖެއެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.