ހުރިހާ ކޮޅަކުން ބައްދާލާފައި ފަލަސްތީނުގެ ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ލީޑަރަކަށް، އަނެއްކާވެސް އިސްމާއީލް ހަނިއްޔާ އިންތިހާބު ކޮށްފިއެވެ.

ގައްޒާއާއި ހުޅަނގު އައްސޭރީގެ ސިޔާސީ ހަރަކާތްތައް، 2017 ވަނަ އަހަރުން ފެށިގެން ކޮންޓްރޯލް ކުރަމުން އަންނަ ހަނިއްޔާ، ފާއިތުވީ 2 އަހަރެއްހާ ދުވަސް ހޭދަ ކޮށްފައި ވަނީ ތުރުކީވިލާތާ ގަތަރުގައެވެ. އަދި އަވަސް މުސްތަގުބަލެއްގައި ފަލަސްތީނަށް އެނބުރި ދާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އޭނާ އަދި ހާމަކޮށްފައެއް ނުވެއެވެ.

މެއި މަހުގެ ތެރޭގައި އިޒްރޭލާ ދެކޮޅަށް ކުރި 11 ދުވަހުގެ ހަނގުރާމާގައި ހަމާސް ޖަމާއަތުގެ ހަރަކާތްތަކުގެ ޑައިރެކްޓަރެއްގެ ގޮތުގައި ހުރީވެސް ހަނިއްޔާއެވެ.

ހަމާސް ޖަމާއަތުގެ ލީޑަރު ކަމުގެ މަގާމަށް، 2 ވަނަ ދައުރަކަށް ހަނިއްޔާ އިންތިހާބު ކޮށްފައި ވަނީ އެ ޕާޓީގެ ތެރޭގައި ކުރިއަށް ގެންދިޔަ ވޯޓަކަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. ހަނިއްޔާ އެ މަގާމު ކާމިޔާބު ކުރީ އެއްވެސް ކަހަލަ ދެކޮޅުވެރި ކަމަކާ ނުލާ ކަމަށް ހަބަރު ލިބެއެވެ. މި ދައުރުގެ މުއްދަތަކީ 4 އަހަރު ދުވަހެވެ.

ހަނިއްޔާއަކީ ހަމާސް ޖަމާއަތުގައި 2006 ވަނަ އަހަރު، ސިޔާސީ ކުލަ ޖެއްސުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އެއީ ގިނަ ބަޔަކަށް ސިހުން ގެނުވި ފަލަސްތީނުގެ އާންމު އިންތިހާބުގައި، މަހަމޫދު އައްބާސްގެ ފަތަހަ ޕާޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިންތިހާބަށްފަހު ފަލަސްތީނުގެ ބޮޑުވަޒީރު ކަމުގެ މަގާމުވެސް ހަނިއްޔާ އަދާ ކުރިއެވެ. ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުގެ ބައެއް މެންބަރުން ވަނީ، ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައެވެ.

ޒާތެއްގެ ދާހިލީ ހަނގުރާމައަކަށް ފަހު ހަމާސްއިން ގައްޒާގެ ކޮންޓްރޯލް ނަގާ، އަމިއްލަ ވެރިކަމެއް ހުޅަނގު އައްސޭރީގައި އިއުލާން ކުރީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން އިޒްރޭލުން ދަނީ ގައްޒާއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. ފަލަސްތީނުގެ މައި ސަރުކާރުގެ އިތުރުން މިސްރުންވެސް ވަނީ ގައްޒާ ފިއްތާލާފައެވެ.