އެމެރިކާގެ އެމްބެސެޑާ އެޓް ލާޖް ފޮ އިންޓަނޭޝަނަލް ރިލިޖަޒް ފްރީޑަމް ކަމުގެ މަގާމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އެމެރިކާގެ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ރަޝާދު ހުސައިން ނޮމިނޭޓް ކުރައްވާފައި ވާކަމަށް ވައިޓްހައުސް އިން ހާމަކޮށްފިއެވެ.

މިއީ މި މަގާމަށް މުސްލިމަކު ނޮމިނޭޓް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، ވައިޓްހައުސް އިން ވަނީ، މި ކަމަކީ، ހުރިހާ ދީނެއްގެ މީހުންގެ ފިކުރުވެސް އޮތް ސަރުކާރެއް ރަމްޒުކޮށްދެއްވުމަށް ބައިޑަން ގެންގުޅުއްވާ އަމާޒުގެ ތެރެއިން ކުރެއްވި ކަމެއް ބުނެފައެވެ.

ހުސައިންއަކީ އެމެރިކާގެ މަގުބޫލު ރައީސް، ބަރާކް އޮބާމާގެ ވެރިކަމުގައި އެ ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ޝަހްސެކެވެ. އުމުރުން 41 އަހަރުގެ ރަޝާދު ހުސައިން މިވަގުތު ހުންނެވީ، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޑައިރެކްޓާ ފޮ ޕާޓްނާޝިޕްސް އެންޑް ގްލޯބަލް އެންގޭޖްމަންޓް ކަމުގެ މަގާމުގައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ނޭޝަނަލް ސެކިއުރިޓީ ޑިވިޝަންގެ ސީނިއާ ކައުންސެލްގެ މަގާމުގައިވެސް ހުސައިން ވަނީ ހިދުމަތް ކުރައްވާފައެވެ. އަދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ކަމާއި، ޔޫއެސް ސްޕެޝަލް އެންވޯއީ ފޮ ސްޓްރެޓީޖިކް ކައުންޓާޓެރަރިޒަމް ކޮމިއުނިކޭޝަންސް ކަމުގެ މައްސޫލިއްޔަތު، ހުސައިން ވަނީ އަދާ ކުރައްވާފައެވެ.

ހުސައިންއަކީ އެމެރިކާގައި ދީނީ ގޮތުން، ނިސްބަތުން ބައިމަދު އާބާދީތަކުގެ ހައްގުތައް ކަށަވަރު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވާ ފަރާތެކެވެ.

އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަޒް ފްރީޑަމްގެ އިސްވެރިޔާ ހިޒްރު ހާން / ފޮޓޯ: ޓައިމް މެގަޒިން

މީގެ އިތުރުން ބައިޑަން ވަނީ، އެމެރިކާގެ ކޮމިޝަން އޮން އިންޓަނޭޝަނަލް ރިލިޖަޒް ފްރީޑަމްގެ އިސްވެރިޔާ ކަމުގެ މަގާމަށް، ޕާކިސްތާން ދަރިކޮޅުގެ ހިޒްރު ހާންވެސް އައްޔަން ކުރައްވާފައެވެ.

ވައިޓް ހައުސްއިން ބަލައިގަންނަ ގޮތުގައި ހާންއަކީ، އިންސާނީ ކަރާމާތުގެ އަސާސެއްގެ ގޮތުގައި ދީނީ މީނިވަންކަން އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ފަރާތެކެވެ. މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި، ހާން ވަނީ ބައިޑަން އެންޑޯޒްވެސް ކުރައްވާފައެވެ.