މަޝްހޫރު ލަވަކިއުންތެރިޔާ ލޭޑީ ގާގާއާ ހުރިހާ ގޮތަކުންވެސް ސިފަ އެއް ގޮތް އެތުލީޓަކު ފެނި، ލޭޑީ ގާގާގެ ފޭނުންނަށް ސިހުމެއް ލިބިއްޖެއެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ޓައެކްވޮންޑޯ އިވެންޓްތަކުގައި، އުރުދުން ތަމްސީލު ކުރާ ޖޫލިއާނާ އަލް-ސޯދިގުގެ މަންޒަރު، ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ. މި މަންޒަރުތައް ވައިރަލް ކުރުމުގައި އިސް ދައުރެއް އަދާ ކުރަނީ ލަވަކިއުންތެރިޔާ ލޭޑީ ގާގާގެ ފޭނުންނެވެ.

ލޭޑީ ގާގާއާ ސަމާސާ ކުރުމުގެ ގޮތުން އޭނާ ފޭނުން ވަނީ، ގްރެމީއާއި އޮސްކާ އެވޯޑްތައް ފުދިއްޖެ ކަމަށާ، ލޭޑީ ގާގާ މިހާރު ކަޅި އަޅަމުން ދަނީ އޮލިމްޕިކްސް މެޑަލަށް ކަމަށް ބުނެ، ޖޫލިއާނާ އަލް-ސާދިގުގެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާއަށް ޕޯސްޓްތައް ދޫކޮށްލާފައެވެ.

އުމުރުން އެންމެ 26 އަހަރުގެ ޖޫލިއަނާ އަލް-ސޯދިގަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެތުލީޓެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރު އޮތް އޭޝިއަން ގޭމްސްގައި އަންހެނުންގެ 67 ކިލޯގްރާމް ވެއިޓް ކެޓަގަރީއިން ރަން މެޑަލް ހާސިލު ކޮށްފައެވެ. ނަމަވެސް މި ފަހަރުގެ އޮލިމްޕިކްސްގައި ޖޫލިއާނާއަށް ވަނީ ކުރިއަށް ދެވޭ ގޮތް ނުވެ، ބްރެޒީލްގެ އެތުލީޓުގެ އަތުން ބަލިވެފައެވެ.