ސައުދީ ރަސްގެފާނުގެ އެހީގައި މާލޭގައި ބިނާ ކުރި ސަލްމާން މިސްކިތަކީ ޑިޒައިން ކޮޕީ ކޮށްގެން އަޅާފައިވާ މިސްކިތެއް ކަމަށް ބުނާ މައްސަލައިގައި މެލޭޝިއާގެ ކުންފުންޏަކުން ދައުވާ ކުރަން ނިންމައިފިއެ ވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ އެންއާރްވައި އާކިޓެކްޓްސް ކުންފުނިން ވަނީ މިނިސްޓަރަށް އެޑްރެސްކޮށް ސިޓިީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި ވަނީ ސަލްމާން މިސްކިތުގެ ޑިޒައިންގެ ކޮޕީ ރައިޓްސް މައްސަލައިގައި އެންއާރްވައި އާކިޓެކްޓްސް ކުންފުނިން ދައުވާ ކުރަން ނިންމާފައި ވާ ކަމަށެވެ.

އެކުންފުނިން ބުނެފައި ވަނީ މިސްކިތުގެ ޑިޒައިން ކޮޕީކޮށްފައިވާ ކަމަށާއި ޑިޒައިންގައި ހުރީ ކުދިކުދި ބަދަލުތަކެއް ކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި އެންއާރްވައި ކުންފުނީގެ ބައެއް ބޭފުޅުން ރައީސް އޮފީހުގައި ބައްދަލުވުންތައް ވެސް ބާއްވައިފައިވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

ކޯޓަށް ގޮސް ހައްގު ހޯދަން އެ ކުންފުނިން މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ބުނުމުން އެ މައްސަލައިގައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް އެދިވަޑައިގެންފައި ވާނެ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. އަދި އެ މައްސަލަ އޭޖީން ބަލާނެ ކަމަށާއި މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް އޭޖީން ނިންމާނެ ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނުގެ އެހީގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.

ސަލްމާތް މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރު ކުރީކޮޅެވެ. އެ މިސްކިތް ހުޅުވަން އެކި ތާރީހުތަކެއް ދިން ނަމަވެސް މިހާތަނަށް ވެސް ނުހުޅުވާ އޮތް މައްސަލައާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މިސްކިތް ހުޅުވުން ލަސްވުމާ ކޮޕީރައިޓްގެ މައްސަލައާ ގުޅުމެއް ނެތް ކަމަށާއި މިސްކިތް ހުޅުވުން ލަސްވަނީ މިސްކިތް ހުޅުވަން އަންނަ ސައުދީ ވަފުދު އައުމުގައި ލަސްތަކެއް އުޅޭތީ ކަމަށެވެ. އަދި ސަލްމާން މިސްކިތް ހުޅުވާނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.