ކުޅަދާނަ ކޮރިއޯގްރަފަރު އަދި ޕްރޮޑިއުސަރު ޖާދުﷲ އިސްމާއިލް އުފައްދާ އާންމުންގެ ތެރެއަށް ދޫކޮށްލި ގައުމީ ލަވަ އަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

100 އަށްވުރެ ގިނަ ދިވެހިން ހިމެނައިގެން އުފައްދާފައިވާ 'ގަލަމުންވެ ސޫރަ ރަންދެލީ' މި ލަވައިން އާންމު ގިނަ މޫނުތަކެއް ފެނިގެންދެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައިދާއި ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް މިލަވައިން ފެނިގެންދެއެވެ.

މިއީ މިނިވަންދުވަހާ ގުޅުވައިގެން ޖާދު އަބަދުވެސް ނެރެމުން އަންނަ ލަވަތަކުގެ ތެރެއިން ލަވައެކެވެ.

މި ލަވައިން ފެނިގެން ދަނީ މިހާރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މީގެ ކުރިން އެފަދަ މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން މަޝްހޫރު ފަންނާނުންނާއި، އާންމުންގެ ތެރޭގައި މާބޮޑަށް މަގްބޫލް ނޫން ފަރާތްތަކެވެ.

މިއީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީގެ ޅެމަކަށް ޓައިމް އެކަޑަމީ ސްޓޫޑިއޯއިން ޝާޒް ސައީދު މިއުޒިކް ތައްޔާރުކޮށް، އަލީ ރަޝީދު ގޮޅާ (ކެމެރާ) ކޮށްދީފައިވާ ރީތި ލަވައެކެވެ.

ރައިވަރުގެ ބައިތަކަކުން މި ލަވަ ފަށަނީ އައިމިނަތު ރަޝްފާ(އާޝާ) އާއި އަހްމަދު އީސާ (އާނަންދު) އެވެ. ދެން ފެނިގެން ދަނީ ރާއްޖޭގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު "އުދުހިލާ" މަންޒަރެވެ. މިއީ ޔަގީނުންވެސް މިނިވަންކަން ދެއްކުމުގެ ނިޔަތުގައި ދައްކުވައިދިން މަންޒަރެކެވެ. މި ލަވަ ކިޔާފައީ ވަނީ ޖޫނީ އާއި އިޝާމް އެވެ. ދެން މި ލަވައިން ފެނިގެން ދަނީ ޖޫނީއެވެ. އޭނާ ތަންކޮޅެއް ގެނެސްދިނުމަށް ފަހު ދިޔާނާ ދެން ފެނިގެން ދާއިރު، ސިޔާސީ އެކި ބޭފުޅުންނާއި އެކި ދާއިރާތަކުން ރާއްޖެއަށް ފަހުރުވެރި ނަން ހޯދާދީފައިވާ މަޝްހޫރު މޫނުތައް ފެނިގެންދެއެވެ. އަދި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ބައެއް އާއްމުންވެސް މި ލަވައިން ފެނިގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

https://www.youtube.com/watch?v=e8j5nVPkB1Q

ޖާދު ވަނީ ފިލްމީ ދާއިރަގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭނާއަކީ މަޝްހޫރު ނެށުންތެރިއެއްގެ އިތުރުން، މުޅި ރާއްޖޭގެ މަޝްހޫރުކަން ހޯދާފައިވާ މޮޅު ފެޝަން ޑިޒައިނަރެކެވެ. އޭނާ ވަނީ އެ ދާއިރާގައި އެތައް މަސައްކަތެއް ކޮށް، އެވޯޑްވެސް ހާސިލްކޮށްފައެވެ.

100 އަށް ވުރެ ބައިވެރިން ފެނިގެންދާ މި ލަވަ ޕީއެސްއެމް ގެ މިނިވަން ދުވަހުގެ ހާއްސަ ޓެލެތޯނުގައި ވަނީ ދައްކާފައެވެ.