ކޮވިޑްގެ ކޭސްއަކާ ގުޅިގެން އަނެއްކާވެސް ހއ. ދިއްދޫ މޮނިޓަރިން ހާލަތަށް ބަދަލުކޮށްފިއެވެ.

ކޮވިޑް ކޭސްއެއް ދިއްދޫއިން ފެނި އެރަށް މޮނީޓަރިން ހާލަތަށް ލާފައި ވަނީ މިރޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުންނެވެ.

އެރަށުން ޕޮޒިޓިވް ވެފައި ތިބި މީހުން ރަނގަޅުވުމުން މޮނިޓަރިންގެ ހާލަތުން ކުރިން ނެގީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީވެސް ވަނީ، ކޮވިޑުގެ އަލާމާތްތަކެއް ހުރެގެން އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ކޮވިޑް ބަލިމަޑުކަން ރަށުގައި ފެތުރެމުން އަންނަ އިރު މިހާރު މޮނިޓަރިންގެ ހާލަތަށް 13 ރަށެއް ވަނީ ލާފައެވެ. އެއީ ހއ.ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ރ. ދުވާފަރު، ރ. މީދޫ، ކ ކާށިދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، ފ. ފީއަލި، ގއ. ވިލިނގިލި، ގއ. ކޫއްޑޫ އަދި ގދ. ނަޑެއްލާ އާއި ފުވައްމުލަކެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.