ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން ރާވާ ހިއްތަވްރު ދިން މީހަކު މިއަދު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެމީހަކީ ހއ ހޯރަފުށީ އަލަނާސިގެ މުހައްމަދު ތަސްލީމް ކަމަށެވެ.

މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ގަބޫލު ކުރާ ގޮތުން ރައީސް ނަޝީދަކީ "ކާފަރެއް" ކަމަށާއި "މަރާލަން ޖެހޭ މީހެއް" ކަމަށް ބުނާކަމަށެވެ. އަދި އޭނާ ވަނީ ހަރުކަށި ފިކުރުގެ ސެލްއަށް މީހުން ވެއްދުމަށް މަސައްކަތް ކޮށްފައި ވާ ކަަމަށެވެ. އަދި އެ ހަމަލާ ދިނުމުގައި އަމަލީގޮތުން އުޅުނު މީހުންނަށް ވިސްނައިދީ އެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނީވެސް އޭނާކަމަށެވެ.

މިމައްސަލައިގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، މޭ 6 ގެ ހަމަލާގެ މޯޓިވް ނުވަތަ ބޭނުނަކީ ރައީސް ނަޝީދު އަވަހާރަ ކޮށްލުން ކަމަށާއި އެ ހަމަލާ ދީފައި ވަނީ ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ ބޭފުޅެއް ކަމަށް ކަނޑައަަޅާ އެމީހުން އަމިއްލައަށް ރައީސް ނަޝީދުގެ ލޭ ހުއްދަކޮށްގެން ކަމަށެވެ.

"ރައީސް ނަޝީދަށް ހަމަލާދީ މަރާލަން ޖެހޭކަމަށް މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ވިސްނައިދީ އަދި އިރުޝާދު ދިން ފަރާތެއް ތަހުގީގަށް ގަބޫލުކުރެވޭ ގޮތުގައި މި ހަމަލާ ރޭވުމުގައި އެންމެ އިސް އެއް ފަރާތް މިއަދުގެ ވަގުތެއްގައި ވަނީ އައްޑޫ ސިޓީއިން ހައްޔަރުކުރެވިފަ، އޭނާއަކީ ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމް،"
ސީޕީ ހަމީދު

ހަމީދު އިތުރަށް ވިދާޅުވީ ތަސްލީމް އަކީ މީގެ ކުރިންވެސް ބޮމެއް ހަދަން އުޅުނުކަމުގެ މައްސަލައެއްގައި ތަހުގީގުކޮށް މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާ މީހެއް ކަމަށެވެ.

އެގޮތުން އޭނާއަކީ 2017 ވަނަ އަހަރު ތެރޭ މާލޭގައި ހިންގާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އޮފީހުގެ ތެރޭގައި ބޮމެއް ހަދަން އަމަލީކޮށް އުޅެނިކޮށް އަތުލައިގަތް މީހެކެވެ.

އެ މައްސަލައިގައި އޭޕްރިލް 24، 2017 އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅާފައިވަނިކޮށް އޮކްޓޯބަރު 4، 2018 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

"ދޫކޮށްލި މައްސަލައިގަ އިސްތިއުނާފް ކުރިނަމަވެސް ހައެއް މޭގެ ހަމަލާއާ ގުޅިގެން ހިންގުނު އޮޕަރޭޝަނުގައި އަލުން ހައްޔަރުކުރުމާ ގުޅިގެން އިސްތިއުނާފް ނުނިމި ދެއަހަރަށް ވުރެ ގިނަ ދުވަސް ވެފަވާތީ އެ މައްސަލަ އަބުރާ ވަނީ ގެނެވިފަ،"
ސީޕީ ހަމީދު

ތަސްލީމްގެ އިތުރުންވެސް ހައްޔަރުކޮށްފައިވާ އިތުރު ބަޔަކު ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބި 6 މީހެއް

މޭ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންނަކީ:

  • ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދު
  • މއ. ފޭރުގެ، މުޖާޒު އަހުމަދު
  • ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު
  • ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު
  • ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް
  • ކ. މާލެ، ކުދެހިގެ، އިސްހާގު
  • ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ
  • އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
  • ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކު
  • އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އެވެ.

ފުލުހުން ވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު އާންމުކޮށް ދައުވާ ކުރަން ފޮނުވާފައެވެ. އެއީ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތިކަމަށް ތުހުމަތުވާ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ.