ސަރުކާރުގެ ރަސްމީ ގަޑީގައި، ކޮންމެ ވަގުތަކުވެސް ރައްޔިތުން ގެންދާ އެއްޗިހި ބަލައިގަންނަން ޖެހޭނެޔޭ، ކޮންމެވެސް މީހަކު ސޯޝަލް މީޑިޔާއެއްގައި ލިޔެފައި އެބައޮތެވެ. އެއީ ފޯމެއް ވިޔަސް، ސިޓީއެއް ވިޔަސް، އެހެން އެއްޗެއް ވިޔަސް ވެހޭ ވެސް އެލިޔުމުގައި އޮތެވެ. މިއީ ވިސްނަން ޖެހޭ މައްސަލައެކެވެ.

މިމައްސަލައިގައި އެންމެ ފުރަތަމަ ވިސްނަން ޖެހެނީ ސަރުކާރެއް އޮތުމުގެ ބޭނުމަށެވެ. ޝައްކެއް ނެތް ގޮތުގައި، ސަރުކާރެއް އޮތުމުގެ މައިގަނޑު އެއް ބޭނުމަކީ ގައުމެއްގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހަމަޖެހޭ ދިރިއުޅުމެއް ސުލްހަވެރިކަމާއެކު އުޅޭނޭ މާހައުލެއް ގާއިމްކޮށްފައި ބޭއްވުމެވެ. ގާނޫނާއި ގަވައިދާ އެއްގޮތަށް ކަންކަން ހިންގައި ބެލެހެއްޓުމެވެ. ދުރާލާ ހަމަޖެހި، އިއުލާން ކުރެވި، އެންމެނަށް އަބަދުމެ ފެންނަގޮތަށް ހުންނަ ގާނޫނީ ސައްހަ އުސޫލުތަކެއްގެ މަތިން ރައްޔިތުންގެ ފަރާތުން ހުށައަޅާ ކަންކަމަށް މަގުފަހިކޮށްދީ، ކުރަން ހުންނަ ކަންކަން ކޮށްދިނުމެވެ. އަދި ނުކުރެވޭނޭ ކަންކަން ސަބަބު ބަޔާން ކޮށްދިނުމާއެކު އެނގުންވެސް މެއެވެ. އަދި މިކަންކަން ކުރަންވާނީވެސް އެކި ފަރުދުން ނުވަތަ ޖަމާއަތްތަކުގެ މެދުގައި ތަފާތު ނުކޮށް، އިންސާފުވެރިކަމާ އެކުގައެވެ.

މާލޭ ސިޓީ ކައުންސިލް އިދާރާ

ސަރުކާރަކުން މިބުނި ބީދައިން ކަންކަން ކުރަމުން ގެންދާއިރު، ޒަމާނާއި، ހާލަތަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކަންކަން ބަދަލުކޮށް، ތަހުޒީބުކޮށް، ތަރައްގީ ކުރަން ވާނެއެވެ. އެއީ ބަވަނަވަމުން އަންނަ ދުނިޔެއެއްގައި ކަންކުރުމުގެ އެންމެ ހަމަޖެހޭ ގޮތެވެ. ސަރުކާރު ހިންގުމުގައި ޒަމާނީ ޓެކްނޯލޮޖީއާއި ތަރައްގީގެ އެންމެހާ ވަސީލަތްތަކެއް ގާއިމްކޮށް، އެ އެއްޗިހި ބޭނުންކުރަނީވެސް އެހެންވީމައެވެ.

މިރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ކުރަމުން އައި ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ސަރުކާރަކީ ރައީސުލް ޖުމްހޫރިއްޔާއަކު އިސް މީހަކަށް ހުރެގެން ހިންގާ މުއައްސަސާޔަކަށް 1968 ގައި ވީއިރު، ރައްޔިތުން ރަސްމީ ސިފައެއްގައި ސަރުކާރަށް ދަންނަވާ އެއްޗެއް ދަންނަވަން ހަމަޖެހިފައި އޮތް ވަސީލަތަކީ ރަސްމީ ސިޓީއެވެ. އެޒަމާނަށް އެގޮތް ރަނގަޅެވެ. އެއިރު ހުޅުވުނު އެމަގު މިހާރުވެސް ރަސްމީކޮށް ހުޅުވިފައި އެބައޮތެވެ.

ދުނިޔެއާއި ރާއްޖޭގެ ކަންކަން ބަދަލުވެ، ހަލުއިވެ، މަސައްކަތްތަކާއި މަސައްކަތްތަކުގެ ދާއިރާތައް ފުޅާވަމުން ދިޔަވަރަކަށް ތަރައްގީގެ ދުވެލި ހަލުއި ކުރަން ބޭނުންވިއެވެ. މިކަން ކުރުމަށް އެޅުނު އެއް ފިޔަވަޅަކީ ރައްޔިތުން އާންމުކޮށް އެދޭ ކަންކަމާ ބެހޭގޮތުން ލިޔަން ޖެހޭ ސިޓީއަށް ހޭދަކުރާ ވަގުތު ކުޑަކޮށްދޭ ’ފޯމު‘ ރާއްޖެޔަށް ތައާރަފު ކުރުމެވެ. މީގެ ސަބަބުން ރައްޔިތުމީހާޔަށް ފަސޭހަވިގޮތަށް އޮފީސް އޮފީހުގައި ތިބޭ މީހުންނަށްވެސް އެތަކެއް ވަގުތެއް ސަލާމަތްވެގެން ދިޔައެވެ. ދިގު ދިގު ސިޓީތައް ކިޔައިގެން އޭގައި އެދިފައިވާ ކަމެއް ދޭހަވެގަތުމުގެ ބަދަލުގައި ފުރައިފައި އޮތް ފޯމެއް ހަމަ ފެނުމާއެކު މައްސަލަ ވަގުތުން ސާފުވެގެން ދެއެވެ. ސިޓީއެކޭ އެއްގޮތަށް ފޯމު ފުރައިގެން ލުމުގެ ފުރުސަތުވެސް އަދިވެސް ރަސްމީކޮށް ހުޅުވިފައި އެބަ އޮތެވެ.

ދެން އައީ އިންޓަނެޓުގެ ޒަމާނެވެ. ސަރުކާރުގެ އޮފީސްތަކަށް ލާންޖެހޭ ފޯމުތައް އިންޓަނެޓުން ޑައުންލޯޑު ކުރެވޭ ޒަމާނެވެ. އީމެއިލް ގެ ވެސް ޒަމާނެވެ. މިކަމުގައި ރާއްޖޭގައި ބައެއް މައްސަލަ އަދި އެބަހުއްޓެވެ. އެއީ، ފޯމު ޑައުންލޯޑު ކުރެވެން ހުއްޓަސް، ބައެއް ފޯމު ހަދައިފާ ހުންނަ ގޮތުން އެ ފޯމުތައް ކޮމްޕިޔުޓަރުން ފުރުމުގައި މައްސަލަތަކެއް ކުރިމަތިވުމެވެ. ފޯމު ޕްރިންޓުކޮށްގެން އަތުން ލިޔެގެން އަތުން ސޮއިކުރަން ޖެހުމެވެ. އަދި ބައެއް އޮފީސްތަކުން ފޯމުގެ ސޮފްޓް ކޮޕީ ގަބޫލު ނުކުރުމެވެ. މިއީ މިކަހަލަ ތަރައްގީ ޒަމާނެއްގައި ރަނގަޅުކޮށްލަން ޖެހޭ ކަމެއްކަމަށް އެންމެންވެސް ގަބޫލު ކުރާނެއެވެ.

ރައީސް އޮފީސް

އަދި އެހެން ވާހަކައެކެވެ. އެއީ، ރަސްމީ ސިޓީއަކީ ހުރިހާ ގޮތަކުން ނުވަތަ ވަކި މިވެނި ހާލަތްތަކެއްގައި އުވިފައިވާ ވަސީލަތެއްކަމަށް ގާނޫނީ ގޮތުން އިއުލާން ނުކުރާހާ ހިނދަކު، ކަމަކަށް އެދެން ރަސްމީ ފޯމެއް އޮތަސް، އެކަމަށް އެދި ރައްޔިތަކު ފޮނުވާ ރަސްމީ ސިޓީ ސަރުކާރަށް ގަބޫލުކުރަން ޖެހޭނެ ވާހަކައެވެ. އިއުލާނު ކޮށްފައިވާ ރަސްމީ ގަޑީގައި އެފަދަ ސިޓީއެއް، ނުވަތަ ރަސްމީ ގޮތުން ފުރައިފައިވާ ފޯމެއް ހަވާލުކުރަން ސަރުކާރުގެ އޮފީހަކަށް މީހަކު ހިނގައްޖިއްޔާ، އެ އެއްޗަކާ އެ އޮފީހަކުން ހަވާލުވާން ޖެހޭނެ ކަމަށް ފެންނަ ވާހަކައެވެ. އެހެނީ، އެ އެއްޗަކީ ރައްޔިތެއްގެ ފަރާތުން ސަރުކާރަށް ހުށައަޅާ ކިތާބީ ހުށައެޅުމަކަށް ވާތީއެވެ.

ދެން އޮތީ ޒަމާނީ ތަރައްގީއާއި ޒަމާނީ ޓެކްނޯލޮޖީގެ ތަފާތު އެކި އާލާތްތައް، އަދި ވަކީން ހާއްސަކޮށް އިންޓަނެޓުގެ އެކި ވަސީލަތްތައް ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ސަރުކާރުގެ އޮފީސްތަކުގައި ބަހައްޓާފާ ހުންނާތީ ދައްކަން ޖެހޭ ވާހަކައެކެވެ. ފުރަތަމަ ވާހަކަޔަކީ، ސަރުކާރުގެ އޮފީސްތަކުގެ ވެބްސައިޓުތަކުން ޑައުންލޯޑު ކުރެވޭ ގޮތަށް ހުންނަ ފޯމު އޮންލައިންކޮށް ފުރޭގޮތަށް ބެހެއްޓުމުގެ ވާހަކައެވެ. އަދި އެއީ ވެސް ރަސްމީ ކިތާބީ ހުށައެޅުމަކަށް ހެދުމުގެ ވާހަކައެވެ. ގަލަމަކުން ކޮށްފައިވާ ސޮޔަކާއި ދިޔާ ދެލިން ޖަހައިފާ އިނގިލީގެ ނިޝާނެއް ފޯމުގައި އޮތިއްޔާ ނޫނީ ގާނޫނީ ލިޔުމަކަށް ނުވާނޭ ބުނާ މީހުންނަށް ބުނަމެވެ. ޑިޖިޓަލް ސޮޔާއި ފޮނުވި ފަރާތް ކަށަވަރު ކުރުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. ބޭނުންވަނީ ކަމަށް ގާނޫނީ ބާރު ލިބިދިނުމެވެ.

ސޯޝަލް މީޑިޔާގައި މިބުނާ މީހަކު ލިޔެފައި އެއޮތީ ހަމަ ރަނގަޅު ވާހަކައެކެވެ.